ގާހިރާ (އޮގަސްޓް 31): މިސްރުގެ ކަނޑުގެ އައްސޭރިފަށުން ފެނުނު ގުދްރަތީ ގޭހުގެ ދަނޑަކީ ދުނިޔެއިން މިހާތަނަށް ފެނިފައިވާ އެންމެ ބޮޑެތި ގޭސް ދަނޑުތަކާ އެއްވަރުގެ ރިޒާވެއް ހިމެނޭ ދަނޑެއްކަމަށް އިޓަލީގެ އެނީ ކުންފުނިން ބުނެފިއެވެ.

މިސްރުގައި ގޭސް ހުރިތޯ ބަލައި ސާވޭކުރަމުންދާ އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިގޭސް ދަނޑު ފެނިފައިވަނީ މިސްރުގެ ސަރަހައްދުގައި ހިމެނޭ މެޑިޓަރޭނިޔަން ކަނޑުގެ އަޑިން 1450 މީޓަރު ފުނުންނެވެ. މި ގޭސް ދަނޑުގައި 30 ޓްރިލިޔަން ކޮޑިމީޓަރުގެ ގޭސް ހުންނާނެ ކަމަށް އަންދާޒާ ކުރެވިފައިވާކަންވެސް މިބަޔާނުގައި ވެއެވެ.

މިސްރަކީ މިހާރުވެސް ގުދްރަތީ ގޭހުގެ މުއްސަނދިކަން ކޮންމެވެސް ވަރަކަށް ލިބިފައިވާ ގައުމެކެވެ. އަލަށް މިފެނުނު ގޭސް ދަނޑުން ގޭސް ނެގުމަށް އެތަށް ބިލިޔަން ޑޮލަރެއް ޚަރަދުވާނެކަމަށް ބެލެވޭއިރު ގޭސް ނެގޭނެ ކަމަށްވެސް އަންދާޒާކުރެވެނީ އަދި ފަސް ވަރަކަށް އަހަރު ފަހުންނެވެ.

މި ދަނޑުން ގޭސް ނެގޭގޮތްވެއްޖެނަމަ އެހެން ގައުމުތަކަށް ގޭސް އެކްސްޕޯޓްކޮށްގެން ބޮޑު އާމްދަނީއެއް ހޯދުމުގެ ފުރުސަތު މިސްރަށް ލިބިގެންދާނެއެވެ. އަދި އެކަމުގެ ސަބަބުން މިސްރުގެ އިގްތިސާދު ބޮޑުވެ ފުޅާވެ މިސްރަށް ލިބިފައިވާ ހަކަތައިގެ ދަތިކަންވެސް ހައްލުވެގެންދާނެ ކަމަށް މިސްރުގެ ހަކަތައާބެހޭ ވަޒީރު ޝަރީފް އިސްމާއީލް ވިދާޅުވިއެވެ.

މިސްރަކީ ގުދްރަތީ ގޭހުގެ ބޮޑު ރިޒާވެއް އޮންނަ ގައުމަކަށްވާނެ ކަމުގެ އުންމީދު އެބައޮތްކަމަށާއި އިތުރު ސަރަހައްދުތައް ސާވޭކުރުމުން ގޭހުގެ އިތުރު ދަނޑުތައް ފެންނާނެކަމުގެ ޔަގީންކަން ސާވޭގެ މަސައްކަތްކުރާ ކުންފިނިތަކުން ދޭކަމަށްވެސް މިސްރުގެ ހަކަތައާބެހޭ ވަޒީރު ވިދާޅުވިއެވެ. (އަލްޖަޒީރާ)