31 Aug 2015, 09:47
އިންޓަނޭޝަނަލް ބްރޭކަށް ފުޓްބޯޅަ ލީގުތައް މެދުކަނޑާލާފައިވާއިރު، މިއީ އިނގިރޭސި ލީގު ދިފާއުކުރާން ނުކުމެ ތިބި ޗެލްސީއަށް މިފަދަ ބްރޭކަކަށް ދާން ރަނގަޅު ދަނޑިވަޅެއް ނޫންކަމަށް އެ ކްލަބްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.
މިދިޔަ ސީޒަންގެ ކުރީކޮޅުގައި ދެއްކި ކުޅުމާ އަޅައިބަލާއިރު ޗެލްސީއަށް މިސީޒަންގެ މިހާތަނަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ލީގުގައި އެކްލަބް މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. ދެމެޗުން ބަލިވެ އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ.
އެހެންކަމުން ކްލަބަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ އެކަން ހައްލު ނުކުރެވިގެން އުޅެނިކޮށް ކުޅުންތެރީން ދެ ހަފްތާގެ ބްރޭކަކަށް ދިއުމުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނޭ ކަމަށް މޮރީނިއޯ ބުންޏެވެ.
"އިންޓަނޭޝަނަލް ބްރޭކަށްފަހު ދެން އޮތް މެޗު [އެވަޓަންއާ ދެކޮޅަށް] މި ޖެހެނީ 15 ދުވަސް ފަހުން،" ގައުމީ ޓީމްތަކަށް ކުޅެން ކުޅުންތެރީން ދިއުމުން ކްލަބް ތައްޔާރުކުރާން ބޮޑެތި ދަތިތަކެއް ހުރިކަން ފާހަގަކޮށް ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުންޏެވެ.
"އަހަންނަކަށް ނޭނގެ މި 15 ދުވަހުގެ ތެރޭގައި ވާނޭގޮތެއް. ކޮންމެ ކުޅުންތެރިއަކުވެސް އެމީހުންގެ ގައުމީ ޓީމާއެކު ދެހަފްތާއަށް ދާނެ،" ކަންބޮޑުވުން ފާޅުކޮށް ޗެލްސީގެ ކޯޗު ބުންޏެވެ. "މި ދެހަފްތާ ތެރޭގައި ޓީމު ރަނގަޅުކުރާން އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް."
ހޮނިހިރު ދުވަހު ސްޓެމްފޮޑް ބްރިޖްގައި ކްރިސްޓަލް ޕެލަސް އަތުން 2-1 ލަނޑުން ބަލިވެ ޖުމުލަ 4 ޕޮއިންޓާއެކު ޗެމްޕިއަން ޗެލްސީ ވަނީ ލީގު ތާވަލުގެ 13 ވަނައަށް ވެއްޓިފައެވެ.