31 Aug 2015, 10:00
ކުއާލަލަމްޕޫރު (އޯގަސްޓް 30) -- މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ދެކޮޅަށް އެ ގައުމުގައި ކުރާ މުޒާހަރާއާ ގުޅިވަޑައިގަތުމަށް ފަހު، ބޮޑުވަޒީރު މަގާމުން ދުރުކުރުމަށް ރައްޔިތުންގެ ބާރު ދައްކަން ޖެހޭ ކަމަށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު ވިދާޅުވެ، ގޮވާލައްވައިފި އެވެ.
"ކުރީގެ ގޮތްތައް އަނބުރާ ގެނެވޭނެ ހަމަ އެކަނި ގޮތަކީ ބޮޑުވަޒީރު މަގާމުން ދުރުކޮށްގެން،" ރައްޔިތުންގެ އިހްތިރާމް ހޯއްދަވާފައިވާ އަދި ކުރިން ނަޖީބާ އެއްކޮށް ހުންނެވި އެހެން ނަމަވެސް ފަހު އޭނާގެ ވެރިކަން ނިމުމަކަށް ގެނެއުމަށް އެންމެ ބޮޑަށް އަޑު އުފުއްލަވާ 90 އަހަރުގެ މަހާތީރު ވިދާޅުވި އެވެ.
"އޭނާ [ނަޖީބު] މަގާމުން ދުރުކުރުމަށް ރައްޔިތުންގެ ބާރު ދައްކަން ޖެހޭ. ރައްޔިތުން މި ކަހަލަ ކޮރަޕް ލީޑަރެއް ބޭނުމެއް ނޫން،" ފުލުހުން އެސްޓިމޭޓް ކުރާ ގޮތުގައި 25،000 މީހުން އެއްވި މުޒާހަރާގައި ބައިވެރިވުމަށް ވަޑައިގަންނަވަމުން މަހާތީރު ވިދާޅުވި އެވެ.
ހޯދި ނުހޯދި ތަނެއް ނޭނގި ބޮޑުވަޒީރުގެ އެކައުންޓްގައި 600 މިލިއަން ޑޮލަރު ހުރި މައްސަލާގައި ރައްޔިތުން ވަނީ ރަތަށް އަރައިފަ އެވެ. އަދި މީހުން މަގުތައް މައްޗަށް ނުކުމެ މުޒާހަރާ ކުރީ އެ މައްސަލައާ ގުޅިގެންނެވެ.
އެއްވެސް ގޯސް ކަމެެއް ކުރެއްވި ކަމަށް ނަޖީބު ދެކޮޅު ހައްދަވަ އެވެ. ދެ ދުވަހުގެ މުޒާހަރާ އިން ނަޖީބަށް ސިހުން ގެނުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އެވަރުން ނަޖީބު އިސްތިއުފާ ދެއްވަން ޖެހޭ ވަރަށް އާންމުންގެ ތާއީދު މަގުމަތީން ދެއްކޭވަރު ނުވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ދެ ހާސް ބާރަ ވަނަ އަހަރުގެ މުޒާހަރާ އާ ހިލާފަށް މި ފަހަރުގެ މުޒާހަރާގައި މެލޭ މީހުންނަށް ނިސްބަތްވާ ޕާޓީތަކުން ބައިވެރިއެއް ނުވެ އެވެ. އެއާ ހިލާފަށް ހޮނިހިރު ދުވަހުގެ މުޒާހަރާގައި ބައިވެރިވެފައި ވަނީ ޗައިނާގެ ދަރިކޮޅުގެ މީހުންނާއި އިންޑިއާ ނަސްލުގެ މީހުންނެވެ. ނަމަވެސް މާހަތިރަކީ މެލޭޝިޔާގައި ވެރިކަން ކުރަމުން އަންނަ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން (އަމްނޯ)ގެ ފަރާތުން މެލޭޝިޔާގައި ވަރަށް ގިނަ ދުވަހު ވެރިކަން ކުރެެއްވި ބޭފުޅެކެވެ.
އަމްނޯގެ ވައިސް ޕްރެސިޑެންޓް ވިދާޅުވީ މަހާތިރު ޕާޓީ "ލައިން ކޮރަސްކޮށްފި" ކަމަށެވެ. އަދި އެ ޕާޓީގެ އެހެން ބޭފުޅަކު ވިދާޅުވީ އޮކްޓޫވަރު 10 ވަނަ ދުވަހު ސަރުކާރަށް ތާއީދު ކުރާ އެއް މިލިއަން މީހުންނާ އެކު އެއްވުމެއް ބާއްވާނެ ކަމަށެވެ.
މައުލޫމާތު: ރޮއިޓާސް