ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ އިލްޔާސް ހުސެއިން އިބްރާހިމް އެ ޑިޕާޓްމަންޓްގެ ކުރީގެ ސްޓޭޓް މިނިސްޓަރު އާދަމް ނަސީރުގެ އަބުރަށް އަރައިގެންފައިވާ ކަމަށް ކަނޑައަޅައި އާދަމް ނަސީރުގެ ކިބައިން އިލްޔާސް މައާފަށް އެދިވަޑައިގަތުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މިހާރު ޓްރާންސްޕޯޓް މިނިސްޓްރީގެ ރަޖިސްޓްރާ ޖެނެރަލް އޮފް ޝިޕިންގެ މަގާމުގައި ހުންނެވި އާދަމް ނަސީރު، މިހާރު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސްގެ މައްޗަށް ދައުވާ ކުރި މައްސަލައިގައި ހުކުމް އިއްވަވަމުން ގާޒީ މަރިޔަމް ނިހާޔަތު ވިދާޅުވީ އަބުރާ ބެހިފައިނުވާނެ ކަމަށް އިލްޔާސްގެ ފަރާތުން ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ. އެކަމަކު ދިޓީވީގެ ހަބަރު ތެރެއިން ޕްރޮގްރާމުގައި ނޮވެމްބަރު 21، 2010 ގައި "އަޅުގަނޑުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވާ ދިއްދޫ ޖަރީމާގޭ އާދަމް ނަސީރަކީ ކޮރަޕްޝަނުން ފުރިގެންވާ ބޭފުޅެއް" ކަމަށް ބުނެފައިވާ ކަމަށް މަދަނީ މިންގަނޑުތަކުން ސާބިތުވާ ކަމަށެވެ.

ގާޒީ ވިދާޅުވީ އިލްޔާސްގެ ވާހަކަތަކަށް އާދަމް ނަސީރު އިންކާރުކޮށްފައިވާ ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި އެ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ކަމަށް އިލްޔާސް އަށް ސާބިތުކޮށްދީފައިނުވާ ކަމަށެވެ. އަދި އިލްޔާސް ދި ޓީވީގައި ވާހަކަ ދައްކާފައި ވަނީ އާދަމް ނަސީރާ ބެހޭ ގޮތުން ކަމަށް އެ ވާހަކަތަކުން ސާފުކޮށް އެނގޭ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އިލްޔާސް ވާހަކަތަކަކީ އާދަމް ނަސީރުގެ އުފަން ރަށުގެ މީހުންގެ ކުރިމަތީގަ އާއި އާންމު މުޖްތަމައުގެ އޭނާ އަށް ކުރަމުންދިޔަ ގަދަރާއި އިހްތިރާމަށް އުނިކަން އަންނާނެ ފަދައަކުން ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަތަކުގެ ސަބަބުން އާދަމް ނަސީރާ މެދު ދެކިއުޅޭ ގޮތަށް ހެޔޮ ނޫން ބަދަލެއް އަންނާނެ ފަދައަކުން ދައްކާފައިވާ ވާހަކަތަކެއް ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ އެކަކު އަނެކަކާ މެދު ސާބިތުނުހިފޭ ހާލަތުގައި ދައްކާ ވާހަކައިން ގެއްލުމެއް ލިބިއްޖެ ނަމަ އެކަމަށް އޮތް އެންމެ އަދުލުވެރި ބަދަލަކީ ނުވަތަ ފަރުވާއަކީ އެ ވާހަކައެއް ދެއްކި ފަރާތުން އެއީ ހަގީގަތް ނޭނގި ހުރެ ދެއްކި ވާހަކައެއް ކަމަށް ބުނެ އެކަމަށް މައާފަށް އެދުން ކަމަށެވެ. އަދި ހުޅުވިގެންވާ ޑިމޮކްރެޓިކް ގައުމުތަކުގައި މިފަދަ މައްސަލަތަކުގައި އަމަލު ކުރާ ގޮތަށް ބަލާއިރު ވެސް މައާފަށް އެދުމަށް ބައެއް ގައުމުތަކުގެ ކޯޓުތަކުން އަމުރުކޮށްފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އެހެންކަމުން އަބުރުގެ ގަވާއިދުގެ ދަށުން މައާފަށް އެދުމަކީ ލިބިދެވޭ ބަދަލެއްގެ ގޮތުގައި ބަޔާންކޮށްފައި ނުވާ ކަމަށާއި އެކަމަކު އެ ބަދަލު ނަގައިނުދެވޭނެ ކަމަށް ވެސް ބުނެފައިނުވާ ކަމަށެވެ.

ގާޒީ ހުކުމް ކުރެއްވީ އަބުރާ ބެހުމުގެ ސަބަބުން ލިބުނު މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުން އިލްޔާސް 3،500ރ. ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށާއި ހަމަ ހަތް ދުވަހުގެ ތެރޭގައި އާދަމް ނަސީރުގެ ކިބައިން މައާފަށް އެދުމަށެވެ.
އާދަމް ނަސީރު މި މައްސަލަ ކާމިޔާބުކޮށްފައި މި ވަނީ އަމިއްލައަށް ވަކާލު ކުރައްވައިގެނެވެ. އެކަމަކު އިލްޔާސްގެ ފަރާތުން ދެ ވަކީލުން ވަޑައިގެންނެވި އެވެ.
------------------
ކުރީގެ ކޮންޓްރޯލާ އިލްޔާސް ޑިޕިއުޓީ ސްޓޭޓް މިނިސްޓަރު އާދަމް ނަސީރުގެ އަބުރާ ބެހުނު ކަމަށް ހުކުމްކޮށްފި އެވެ. ހުކުމުގައި ބުނެފައި ވަނީ ކަނޑައަޅައި މައުނަވީ ބަދަލެއްގެ ގޮތުގައި 3500ރ. ދެއްކުމަށާއި އާދަމް ނަސީރު ކިބައިން މާފަށް އެދުމަށެވެ.