އައްޑޫ ސިޓީ ހިތަދޫ ގެއަކުން ކަޓޮފް މެޝިނެއް ވަގަށް ނެގިކަމުގެ މައުލޫމާތު ލިބުނުތާ 30 މިނިޓްތެރޭގައި އެ މެޝިން ހޯދައި އެ މައްސަލައިގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ހިތަދޫ ގެއަކުން ކަޓޮފް މެޝިނެއް ވަގަށްނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެ ދެމީހުންނަކީ ވެސް ދިވެހީން ކަމަށެވެ.

އެ ދެމީހުން ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ކަޓޮފް މެޝިން ފެނިފައި ވަނީ' ގެއެއްގެ ގޯތި ތެރޭހުރި ގަސްތަކެއްގެ ތޭރޭގައި ފޮރުވާފައި އޮއްވައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގައި އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރުދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން ދާ ކަމަށެވެ.