ްދަގަނޑު ހޮޅިއަކުން ޖެހި އަންހެނަކު މަރުވެފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކޮންޓެއިނާ ޓްރަކެއް ކޮންޓްރޯލް ނުވެ ހޮޅިދަނޑީގައި ޖެހުމުގެ ސަބަބުން ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފި އެވެ.

ހޮޅިދަނޑިން ޖެހި ޒަހަމްވި ސ. ހިތަދޫ ލިލަކް އަޒުފާ ޒުހައިރު، 24، ވަނީ އައިޖީއެމްއެޗުގެ އެމެޖެންސީގައި ފަރުވާދެމުން ދަނިކޮށް މިއަދު 2:28ގައި ނިޔާވެފަ އެވެ.

ހައުސިންގް މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަޒުފާގެ ބޮލުގައި ޖެހުނު ހޮޅި އަކީ އިއްޒުއްދީން މަގަށް ފެންނަ ގޮތަށް 392 ނަންބަރު ކޮށީގެ މަގުގެ އަރިމަތީގައި ގޯތީގެ އިމުގެ ތެރޭގައި ބަހައްޓާފައި ހުރި ހޮޅިއެއް ކަމަށެވެ.

އެ ހޮޅިއަކީ މިނިވަން 50 އަށް އެ ސަރަހައްދު ޒީނަތްތެރި ކުރުމަށް ނަމޫނާ ރުކެއްގެ ގޮތުގައި ކުލަބޮކި ދިއްލާފައި ހުރި ހޮޅިއެއް ކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިނިވަން 50 އަށް ކުލަ ބޮކިލުމަށް ބޭނުން ކުރި ހޮޅި ރޭ ވެއްޓިފައި -- ސަން ފޮޓޯ/ ސޮފްވާން

" ގޯތީގެ އިމުގެތެރޭގައި ބަހައްޓާފައިހުރި ދަގަނޑު ހޮޅިއަކީ މިނިވަން 50 އަށް މާލެ ޒީނަތްތެރި ކުރުމަށް ހިންގުނު ޕްރޮގްރާމްގެ ތެރެއިން މިސަރަހައްދު ޒީނަތްތެރި ކުރުމުގެ ގޮތުން ކުލަބޮކި ދިއްލާފައިވާ ނަމޫނާ ރުކެއްގެ ގޮތުގައި ބެހެއްޓުނު ހޮޅިދަނޑިއެއް"ހައުސިންގް މިނިސްޓްރީ

ނަމޫނާ ރުކުގެ ފަންތައް މަގާވީ ފަރާތަށް އާއްމުންނަށް ފެންނާނެހެން ދިއްލާފައި ހުރި ހޮޅިދަނޑީގެ ބުޑު ހުއްނާނީ ދުއްވާއެއްޗިއްސާއި އާންމުންގެ ސަލާމަތަށް ޓަކައި ގޯތީގެ އިންފާރު ތެރޭގައި ދަގަނޑު ޖަހައި ބިމަށް މައުންޓް ކޮށްފައި ކަމަށް ވެސް ހައުސިންގް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހޮޅި ދަނޑީގެ ބުޑު ހުންނާނީ ގޯތީގެ އިންފާރު ތެރޭގައި ދަގަނޑު ޖަހާ ބިމަށް މައުންޓްކޮށް، އަދި މަތިން އައްސާ ރަގަޅަށް ހަރުކުރެވިފައިހައުސިންގް މިނިސްޓްރީ

ީހޮޅިދަނޑި އެތާ ބެހެއްޓިފައި ވަނީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު، ކަމަށާއި އެ ހޮޅިދަނޑި ބެހެއްޓި ފަހުން އެމަގުން އުސް އުޅަނދުތައް ދުއްވާފައިވާ އިރު ވެސް އެދަނޑީގައި އެއްވެސް އެއްޗެއް ޖެހިފައި ނުވާ ކަމަށް ހައުސިންގް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ ހާދިސާގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބި ފުރާނަ ދިއުމަކީ ހައުސިން މިނިސްޓްރީންގެ ހުރިހާ މުވައްޒަފުން ހިތާމަކުރާ ކަމެއް ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިނިވަން 50 އަށް މާލޭގައި ދިއްލި ބޮކިތައް ނެގީ މި މަހު 10 ގަ އެވެ. ނަމަވެސް އެ ބޮކިތައް ނެގި ފަހުން ވެސް އެ ދަގަނޑު ހޮޅި، ނުނަގައި އެތަނުގައި މިހާދުވަސް ވަންދެން ހުރީ ކީއްވެގެން ކަމެއް ހައުންސިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ އެ މައްސަލަ ތަހުގީގު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

މިނިވަން 50 އަށް ކުލަ ބޮކިލުމަށް ބޭނުން ކުރި ހޮޅި ރޭ ވެއްޓިފައި -- ސަން ފޮޓޯ/ ސޮފްވާން

ފުލުހުން ބުނީ ހޮޅިދަނޑި ވެއްޓިފައި ވަނީ ޓްރަކްދުއްވަން އިން މީހާ ގަސްތުގައި ކުރި އަމަލަކުން ނޫންކަން މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ވެސް ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ދަގަނޑު ހޮޅި މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ޓޯޔާޑުގައި ކަމަށެވެ.

ހޮޅިދަނޑި އަކުން ޖެހި ޒަހަމްވި އަޒުފާ މިއަދު އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ އިރު އޭނާގެ މައްޗަށް ކުރެވޭ ކަށު ނަމާދު މިރޭ 12:30ގައި އިސްލާމީ މަރުކަޒުގައި އޮއްނާނެ އެވެ.

އަޒުފާ --

ރަޝީއާގައި ޑޮކްޓަރުކަން ކިޔަވަމުން އަންނަ އަޒުފާ މާލެއައިސް ހުރީ ޗުއްޓީއަކަށެވެ. އަދި ޗުއްޓީ ނިންމާލުމަށް ފަހު އޭނާ ފުރަން ހަމަޖެހިފައި ވަނީ މާދަމާކަމަށް އެނގިފައިވެ އެވެ.