30 Aug 2015, 17:02
ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗްގީޒް ސުޕަސްޓާ ކްރިސްޓިއާނޯ ރޮނާލްޑޯ އެންމެ ބިރުގަންނެ އަދި ޖެހިލުންވަނީ މުސްކުޅި ނުވަނީސް މަރުވެދާނެތީ ކަމަށް އޭނާ ބުނެފިއެވެ.
"އަހަރެންގެ އެންމެ ބޮޑު ބިރަކީ ޅައުމުރުގައި މަރުވެދާނެތީ. އަހަރެން ބޭނުމެއްނޫން އެހާއަވަހަށް މަރުވާކަށް. އަހަރެން މަރުވާން ބޭނުމީ މުސްކުޅިއެއްގެ ގޮތުގައި، އުމުރުން 80 ނުވަތަ 90 އަހަރުގައި،" ރެއާލްގެ ހުނަރުވެރި ފޯވާޑް ބުންޏެވެ.
ރޮނާލްޑޯ ބުނީ، ފުޓްބޯޅައިގެ އިތުރުން އޭނާ އެންމެ ގަޔާވާކަމަކީ، "ދަރިފުޅާއެކު ވަގުތު ހޭދަކުރުން،" ކަމަށެވެ.
މިހާރު އުމުރުން 30 އަހަރުގެ ޕޯޗްގީޒް ތަރި ބުނީ، އޭނާގެ ހަޔާތުގައި އެންމެ މުހިއްމުކަމެއްދޭ ބަޔަކީ، އުމުރުން ފަސް އަހަރުގެ ފިރިހެން ދަރިފުޅާއި ރަހްމަތްތެރީންނާއި އާއިލާ ކަމަށެވެ.
ރޮނާލްޑޯއަމިއްލައަށް އޭނާ ސިފަކުރާ ގޮތުގައި ފުޓްބޯޅަ ދަނޑުން ބޭރުގައި ނަމަ އޭނާއަކީ ހަމަ ވަރަށް އާދައިގެ މީހެކެވެ. "އަހަރެން ބަލަނީ އާއިލާއާއެކު، އަހަރެންގެ ދަރިފުޅާއެކު އަދި ރަހްމަތްތެރީންނާއެކު އާދައިގެ ކަންތަކުގައި ވަގުތު ހޭދަކުރެވޭތޯ. އަހަރެން ބަލަން ވީވަރަކުން އެންމެ އާދައިގެ ދިރިއުޅުމެއް އުޅެވޭތޯ،" ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާގެ މަގާމް ތިން ފަހަރު ހޯދާފައިވާ ރޮނާލްޑޯ ބުންޏެވެ.
ލިބަރޯ މެގަޒިންއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ، އޭނާ ފުރިހަމަ ސިއްހަތެއްގައި ހުރުމަށާއި މޮޅު ކުޅުންތެރިއެއްގެ ގޮތުގައި އެއްވަރެއްގައި ދެމިހުރުމަށް އަބަދުވެސް ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށެވެ.
"އަހަރެން އަބަދުވެސް މަސައްކަތްކުރަން އެންމެ ކުރީ ސަފުގައި ހުންނަން. އަދި އެގޮތުގައި ދެމިހުރުމަށް އަހަރެން އަމިއްލަ ނަފުސަށް ވަރަށްބޮޑަށް ބާރުއަޅަން. ވޭތުވެދިޔަ އަށެއް ނުވައެއް ނުވަތަ ދިހަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އަހަރެން އެގޮތަށް މަސައްކަތްކުރީ،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލޯ ބުނީ، އޭނާއަށް އެންމެ ބޮޑު ހިތްހަމަ ޖެހުމަކާއި ހިތްވަރެއް ލިބެނީ، އޭނާއާ އެކުގައި އުޅޭމީހުންގެ ފުށުން ކަމަށެވެ.
"ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަން އަހަރެން އަބަދުވެސް މަސައްކަތްކުރަން. އަހަރެން ފުޓްބޯޅަ ކުޅޭހިތްވޭ އަދި އަހަރެން އުންމީދުކުރަން ފޭނުންވެސް އަހަރެންގެ ކުޅުމާ ދޭތެރޭގައި ހިތްހަމަޖެހޭނޭ ކަމަށް،" އިންޓަވިއު ނިންމާލަމުން ރޮނާލްޑޯ ބުންޏެވެ.
ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ފާއިތުވި ދެ ފަހަރުވެސް ހޯދާފައިވާ ރޮނާލްޑޯ، މިދިޔަ ސީޒަންގައި 61 ލަނޑު ކާމިޔާބުކުރި އެވެ.