މެންދުރުގެ ކެއުމަށް ފަހު ކުޑައިރިކޮޅަކު ނިދާލުމަކީ ނުވަތަ ނެޕެއް ނެގުމަކީ ސިއްޙީ ބޮޑެތި ފައިދާތަކެއްލިބޭ ކަމެއްކަން ފަހުގެ ދިރާސާތަކުން ހާމަވެއްޖެ އެވެ.

ޖަޕާނާއި ގްރީސްއާ އެ ނޫން ވެސް ގައުމުތަކުގައި ނެޕް ނެގުމާ ބެހޭ ގޮތުން ކޮށްފައިވާ ދިރާސާތަކުން ހާމަވާ ގޮތުގައި މެންދުރުގެ ކެއުމަށް ފަހު ކުޑައިރިކޮޅަކު (ބައިގަނޑިއެއްހާއިރު ނޫނީ ވިއްސަކަށް މިނިޓްއިރު) ނިދާލުމަކީ ލޭގެ ޕްރެޝަރު މަތި މީހުންގެ ޕްރެޝަރު ދަށަށް ދިޔުމާއި ކުއްލިއަކަށް ހިތް ހުއްޓުމުގެ ނުރައްކަލުންނާ އަދި ސިކުނޑީގައި ލޭ ގަނޑުވެ ސްޓްރޯކް ޖެހުމުގެ ފުރްސަތު ކުޑަކޮށްދޭ ކަމެކެވެ. އަދި އެ ގޮތަށް ނިދާލުމުން ނަފްސާނީގޮތުން ވެސް އިންސާނާއަށް ދުޅަހެޔޮކަން ގެނަސްދޭކަން އެ ދިރާސާތަކުން ހާމަވެފައިވެ އެވެ.

އެ ދިރާސާތަކުގެ ތެރެއިން ދިރާސާއެއްގައި ބައިވެރިވި ގްރީސްގެ އެސްކްލެބިޔޮން ވޯލާ ޔުނިވަރސިޓީ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނާ ގޮތުން ހެނދުނުން ފެށިގެން ރޭގަނޑު ނިދަންދެން ހޭލާ ހުރުމަކީ އިންސާނާއަށް ސިއްޙީ ގެއްލުންތަކެއް ލިބޭކަމެކެވެ.

ނަމަވެސް މެންދުރުގަނޑީގައި "ނެޕެއް" ނެގުމުން އެ ގެއްލުންތަކުން ސަލާމަތްވާކަން 400 ފިރިހެނުންނާއި 186 އަންހެނުން ހިމަނައިގެން ގްރީސުން ކުރި ދިރާސާއިން ހާމަވާ ކަމަށް އެސްކްލެބިޔޮން ވޯލާ ޔުނިވަރސިޓީ ހޮސްޕިޓަލުގެ ރީސާޗަރުން ބުނެފައިވެ އެވެ.

ޖަޕާނުގައިވެސް ވަނީ މެންދުރުގެ ކެއުމަށް ފަހު ކުޑައިރިކޮޅަކު ނިދާލުމާބެހޭ ދިރާސާތައްކޮށްފަ އެވެ. ޖަޕާނުގައި ކުރި ދިރާސާތަކުން ވެސް މެންދުރުގަޑީގައި ނެޕް ނެގުމަކީ ދުވަހުގެ ބާކީ އޮތްބައި ތާޒާކަމާ އެކު ހޭދަކުރުން އިންސާނާއަށް ފަސޭހަވެގެންދާ ކަމެއްކަން ހާމަވެފައިވެ އެވެ. ޖަޕާނުގެ ބައެއް ފެކްޓަރީތަކާއި އޮފީސްތަކުގައި މުވައްޒަފުން މެންދުރު ވިއްސަކަށް މިނިއްޓު ނިދާލުން އާންމު ކަމަކަށް ހަދައި އެކަމަށް މަގުފަހިކޮށްދީފައިވެ އެވެ. ނެޕް ނުނަގާމީހުންގެ ތެރެއިން ގިނަމީހުން ހަވީރުވާއިރަށް ވަރުބަލިވެ ރުޅި ގަދަވެ އަދި އޭގެ ތެރެއިން ބައެއް މީހުންގެ ލޭގެ ޕްރެޝަރު ވެސް މައްޗަށްދާކަން ޖަޕާނުގައި ކޮށްފައިވާ ދިރާސާތަކުން ހާމަވެފައިވެ އެވެ. (ނޫސްއެޖެންސީތައް)