30 Aug 2015, 17:04
ކައިރޯ (އޯގަސްޓް 30) -- އަލްޖަޒީރާގެ ތިން ނޫސްވެރިން ތިން އަހަރު ދުވަހަށް ޖަލަށް ލުމަށް ކުރި ހުކުމާ ގުޅިގެން "ގަބޫލު ކުރަން ދަތި ނުފޫޒު ފޯރުވި" ކަމަށް ބުނެ ކައިރޯގައި ހުންނަ އިނގިރޭސި ސަފީރު އެ ގައުމުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި އެވެ.
އަލްޖަޒީރާގެ އިނގިރޭޝި އެޑިޝަންނަށް ނިސްބަތްވާ ތިން ނޫސްވެރިންގެ މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ހޮނިހިރު ދުވަހު އައުމުން، މިސުރުގައި ހުންނަ އިނގިރޭސި ސަފީރު ޖޯން ސެޝަން ވިދާޅުވީ އެ ހުކުމާ މެދު ހައިރާންވެ، ކަންބޮޑުވާ ކަމަށެވެ.
އެ ތިން ނޫސްވެރިންގެ މައްޗަށް ހުކުމް ކުރުމުން އެ މައްސަލަ ވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފަ އެވެ. އަދި ކުރީގެ ހުދުމުހުތާރު ރައީސް ހުސްނީ މުބާރަކުގެ ވެރިކަން، ރައްޔިތުން ނުކުމެ ވައްޓާލިތާ ފަސް އަހަރު ފަހުން ވެސް މިސުރުގައި ޑިމޮކްރަސީގެ ހަރަކާތްތައް ކުރިއަށް ގެންދެވޭ ވަރާ ދޭތެރޭ ސުވާލު އުފައްދަން ފަށައިފަ އެވެ.
ްއިނގިރޭސި ސަފީރު އޭނާގެ ފޭސްބުކްގައި ބުނެފައި ވިދާޅުވެފައި އިނގިރޭސި ސަރުކާރުން މިސުރުގެ ހަމަޖެހުމަށް ފުރިހަމަ އަށް ތާއީދު ކުރާ ކަމަށެވެ. ނަމަވެސް ސުވާލު ކުރެއްވީ ގާނޫނު އަސާސީ އިން ފަރުދުންނަށް ދީފައިވާ ހައްގާއި ނޫސްވެރިކަން ހިފެހެއްޓުމުން ލިބޭނީ ވަގުތީ ހަމަޖެހުމެއް ނޫންތޯ އެވެ.
މިސުރުގެ ފޮރިން މިނިސްޓްރީ އިން ބުނީ އިނގިރޭސި ސަފީރުގެ ކޮމެންޓަށް ކަނޑައެޅިގެން ދެކޮޅު ހަދާ ކަމަށެވެ. އަދި ބުނީ އެއީ މިސުރުގެ ޝަރުއީ ނިޒާމަށް ކުރި، ގަބޫލު ކުރަން ދަތި ކޮމެންޓެެއް ކަމަށެވެ.
އިނގިރޭސި އެމްބަސީ އިން ބުނީ މިސުރު ސަރުކާރުގެ ކަންބޮޑުވުން އިނގިރޭސި ސަރުކާރަށް ރައްދު ކުރާނެ ކަމަށެވެ.
ކައިރޯ ކޯޓުން ހޮނިހިރު ދުވަހު ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ، ކެނެޑާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ފަހުމީ އާއި އޮސްޓްރޭލިއަން ޖާނަލިސްޓް، ޕީޓާ ގްރެސެޓް އާއި މިސުރުގެ ޕްރެޑިއުސަރު ބަހާރު މުހައްމަދުގެ މައްޗަށެވެ.
އެ ތިން ނޫސްވެރިންގެ މައްޗަށް ފުރަތަމަ ހުކުމް ކުރީ 10 އަހަރަށް ޖަލަށް ލުމަށެވެ. އެއީ ދޮގު ހަބަރު ފެތުރުމާއި ޓެރެރިސްޓް ޖަމާއަތަކަށް އެހީތެރިވުމުގެ ކުށުގަ އެވެ. ޓެރިސްޓް ޖަމާއަތެއް ކަމަށް ބުނަނީ، މިލިޓަރީ އިން މީގެ ދެ އަހަރު ކުރިން ވެރިކަމުން ވައްޓާލި މިސުރުގެ މުސްލިމް ބްރަދާހުޑް ޖަމާއަަތަށެވެ.
އެ ތިން މީހުން ވެސް އެ މީހުންގެ މައްޗަށް ކުރާ ދައުވާ އަށް އިންކާރު ކުރެ އެވެ. މައުލޫމާތު : ބީބީސީ