15 Mar 2011, 13:47
ޕާކިސްތާނު މީހަކު 2007 ވަނަ އަހަރު ރާއްޖެއަށް، އަށް ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލަ އާ ގުޅުންހުރި، އަދި ފުޅާދާއިރާ އެއްގައި މަސްތުވާތަކެތީގެ ވިޔާފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ ދިވެއްސަކު މަސްތުވާ ތަކެއްޗާއެކު ހައްޔަރު ކޮށްފި އެވެ.
މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ ޑްރަގް ޑިޕާޓްމެންޓްގެ ވެރިޔާ، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހު ވިދާޅުވީ މާލޭ ދަފުތަރު، މުހައްމަދު ރަޝީދު އަބުދުލް ބާގިރު 50، ހައްޔަރުކުރީ މިދިއަ ހޮނިހިރު ދުވަހު ކަމަށާއި އޭނާ ހައްޔަރުކޮށް ހަށިގަނޑު ފާސްކުރި އިރު 100 ގްރާމްގެ މަސްތުވާތަކެތި ވެސް އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.
ބާގިރަކީ ސަރުކާރުން ބުނާ މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރޭގައި ހިމެނޭ މީހެއްތޯ ސުވާލު ކުރުމުން ޖިނާހު ޖަވާބެއް ނުދެއްވި އެވެ. ނަމަވެސް ޖިނާހު މިއަދު ވިދާޅުވީ ބާގިރަކީ މަސްތުވާތަކެތީގެ ވިޔާފާރި ފުޅާދާއިރާ އެއްގައިކުރާ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށެވެ.
"އޭނަ (ބާގިރު)، ޕޮލިސްގެ ޑްރަގް އިންޓެލިޖެންސް އިން ޓްރެކް ކުރަމުން ގޮސް ލިބުނު މައުލޫމާތަކާ ގުޅިގެން އެގޮތަށް (މަސްތުވާތަކެތި ގެންގުޅޭ ކަމަށް) ކަށަވަރު ވުމާއިއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޗެކްކުރުމުން އޭނާ ލައިގެން ހުރި ފަޓުލޫނުގެ ޖީބުން މަސްތުވާތަކެތި ފެނުނީ،" ޖިނާހު ވިދާޅުވި އެވެ.
ޖިނާހު ވިދާޅުވީ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މަންސޫރު ހުސެއިން ރާއްޖެއަށް މަސްތުވާތަކެތީގެ އަށް ކިލޯ، އެތެރެ ކުރުމުގައި ބާގިރު އެހީތެރިވެ ދީފައިވާ ކަމަށް ތަހުގީގުގައި މަންސޫރު ބުނެފައިވާ ކަމަށެވެ. އަދި އެ ފަހަރު ބާގިރު ހައްޔަރުކޮށް ތަހުގީގު ކުރުމަށްފަހު ދައުވާ ކުރަން ފޮނުވުމުން ހެކި ނެތްކަމަށް ބުނެ އޭނާގެ މައަޗަށް ދައުލަތުން ދައުވާނުކޮށް ދޫކޮށްލީ ކަމަށެވެ.
"މިމައްސަލަ 2007 ވަނަ އަހަރުގައި ޕީޖީ އޮފީހަށް ފޮނުވި. މަޢުލޫމާތު ލިބެނީ މަންސޫރު ހުސެއިން ޕޮލިހަށް ދީފައިވާ ރަސްމީ ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ބާގިރަކީ މިކަމުގައި ކޮމާޝަލް ބިޒްނަސް އެއް ކުރުމަށްޓަކައި ފަންޑްރައިޒް ކުރުމަށްޓަކައި (ފައިސާ ހޯދަން) ޕާކިސްތާނުން މިތަކެތި އެތެރެ ކޮށް ވިއްކުމުގައި އެހީތެރިވެދީ ބައިވެރި ވެފައިވާ މީހެއް ކަމަށް،" ޖިނާހު ވިދާޅުވި އެވެ.
މާލޭގައި ހުއްޓާ ހައްޔަރުކުރި ބާގިރު ދިރިއުޅުން ޕާކިސްތާނުގައި އޮތް ކަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ. އަދި އޭނާ ޕާކިސްތާނުގައި އުޅުނު އިރު އެގައުމުގައި މަސްތުވާތަކެތީގެ ވިޔާފާރިކުރާ މީހުންނާ ގުޅިގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެއެވެ.
ޖިނާހު ވިދާޅުވީ ހޮނިހިރު ދުވަހު ބާގިރު ހައްޔަރު ކުރިއިރު ވެސް ޕާކިސްތާނާއެކު މަސްތުވާތަކެތީގެ މުޢާމަލާތް ކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.
ބާގިރުގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ. މި ތަހުގީގުގައި ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކާ ބައިވެރިވެއެވެ.