މާސްގައި ދިރިއުން ތަޖުރިބާ ކުރުމަށް ހިންގާ ޕްރޮގްރާމަށް ތައްޔާރު ވުމުގެ ގޮތުން ނާސާގެ ހަ ރިކްރޫޓުން އެކެހެރިވުމުގެ ޕްރޮގްރާމެއްގެ ދަށުން "ޑޯމް" އެއްގައި އަހަރު ދުވަހަކަށް ތިބުމަށް އެތަން ބަންދުކޮށްފި އެވެ.

މާސްގައި އިންސާނުންނަށް އުޅެވޭނެ ކަަމަށް ބެލުމަށް ޓަކައި ކުރިއަށްދާ މާސް ޕްރޮގްރާމްގެ ރިކްރޫޓުން ހަވާއީގައި ޑޯމްއެއް ތައްޔާރު ކުރުމަށް ފަހު އެތަނުގައި އުޅުމަށް ނިންމާފައި ވަނީ މާސްގެ ހާލަތު ނަކަލު ކުރުމުގެ ގޮތުންނެވެ. އެގޮތުން އެ ޕްރޮގްރާމްގެ ދަށުން އަހަރެއް ވަންދެއް ޑޯމްގެ ތެރޭގައި އެ ރިކްރޫޓުން ތިބޭނީ ތާޒާ ވަޔާއި ކާނާ އަދި "އަމިއްލަ އެދުންތަކާ" ނުލައެވެ.

މިދިޔަ ހުކުރު ދުވަހު ފަށާފައިވާ އެ ޕްރޮގްރާމްގައި ހިމެނެނީ ފްރެންޗް އެސްޓްރޯބަޔޯލޮޖިސްޓަކާއި ޖަރުމަނު ފިޒިސިސްޓަކާއި އެމެރިކާގެ ޕައިލެޓަކާއި އާކިޓެކްޗަރަކާއި ޑޮކްޓަރެއް އަދި ވެލީގެ ސައިންޓިސްޓެކެވެ.

އެ ހަ ރިކްރޫޓުން އުޅެމުން އަންނަ ސޯލާ އިން ހަކަތަ ދީފައިވާ ޑޯމްގެ ޑައިމީޓަރުގައި ހުންނާނީ 11 މީޓަރެވެ. އަދި އުސްމިނުގައި ހުންނާނީ ހަ މީޓަރެވެ.

ސައިންޓިސްޓުން ބުނާ ގޮތުގައި މާސް އަށް އިންސާނުން ދަތުރު ކުރާ ފުރަތަމަ ޕްރޮގްރާމްގެ ދަށުން ރިކްރޫޓުން މާސްގައި އެއް އަހަރާ ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ތިބެން ޖެހިދާނެ ކަމަށެވެ.

ރިކްރޫޓުންނަށް ކޮންމެ މީހެއްގެ ކޮޓަރީގައި ކޮޓެއް ހުރެ އެވެ. ކޮޓަރީގައި މޭޒެއް އިންނަ އިރު ކެއުމަށް ހުންނާނީ ޕައުޑާ ޗީޒް އާއި ދަޅުގައި ބަންދު ކުރި މަސް ފަދަ ތަކެއްޗެވެ.

އެ މީހުންގެ ޑޯމް އިން ނުކުންނަން ޖެހޭނީ ސްޕޭސް ސޫޓެއްގެ އެހީގަ އެވެ. އެމީހުންނަށް ލިބޭނީ ލިމިޓެޑް އިންޓަނެޓެކެވެ.