ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް އެޗް ގައި އަންނަ ބުރާސްފަތި ދުވަހު އުޒުބްކިސްތާނާއި ޔަމަން ބައްދަލު ކުރާ މެޗްގެ މެޗް ކޮމިޝަނަރަުކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ މެޗް ކޮމިޝަނަރު މުޙައްމަދު ޝާހިރަށް ލިބިއްޖެއެވެ.

އުޒުބްކިސްތާންގައި ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ޝާހިރު އެގައުމަށް ދާން ފުރާ ގޮތަށް ހަމަޖެހިފައިވަނީ މާދަމަ ރޭގައެވެ.

މީގެ އިތުން އޮކްޓޫބަރު މަހު އަށް ވަނަ ދުވަހު ވޯލްޑްކަޕް ކޮލިފައިންގައި ޖަޕާނާއި ސީރިއާ، އޮމާންގައި ބައްދަލު ކުރާ މެޗްގެ ކޮމިޝަނަރުކަން ކުރުމަށްވެސް ފީފާއިން ހުށަހަޅާފައިވާ ކަމަށްވެސް ޝާހިރު ވިދާޅުވިއެވެ.

ޝާހިރު ވިދާޅުވީ، މިހާތަނަށް ފީފާގެ ގިނަ އަދެއްގެ މެޗްތަކުގައި މެޗް ކޮމިޝަނަރުކަން ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި ދިވެއްސަކަށް މިފުރުސަތު ލިބޭތީ އޭނާ އަބަދުވެސް އުފާ ކުރައްވާ ކަމަށެވެ.

ޝާހިރު ވަނީ މިއަހަރު ބޭއްވި އޭޝިއާގެ އެންމެ ބޮޑު ފުތްބޯޅަ މުބާރާތް، އޭޝިއަން ކަޕްގެ ފައިނަލް މެޗްގެ އިތުރުން ސެމީ ފައިނަލް މެޗާއި ކްއާޓަ ފައިނަލްގައިވެސް މެޗް ކޮމިޗަނަރުކަން ކޮށްފައެވެ.

އަދި މިއަހަރު އާސިއާން ސަރަހައްދުގެ މުބާރާތް ސީ ގޭމްސްގެ ފައިނަލް މެޗާއި ސެމީފައިނަލް މެޗްގައިވެސް މެޗް ކޮމިޝަނަރުކަން ވަނީ ކުރައްވާފައެވެ.