30 Aug 2015, 14:44
ދުއްވާފައި ދިޔަ ކޮންޓެއިނާ ލޮރީއަކުން ޖެހި، މަގުމައްޗަށް ދޫކޮށްލާފައި ހުރި، ދަގަނޑު ހޮޅިއެއް ވެއްޓި އޭގެ ދަށުވި ޒުވާން އަންހެން މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ސަން އަށް ވިދާޅުވީ އެ އަންހެން މީހާ ނިޔާވެފައި ވަނީ އެ ހޮސްޕިޓަލްގައި އިމަޖެންސީގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރު 2:28ގައި ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ނިޔާވެފައި ވަނީ އައްޑޫ ސިޓީގެ ހިތަދު އަށް ނިސްބަތްވާ، އަޒުފާ ޒުހައިރު، 24 އެވެ.

ޒީނަތު ވިދާޅުވީ އެ އަންހެންމީހާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުންވެ އަދި މައިބަދަ އަށް ވެސް ގެއްލުންވެފައިވާ ކަމަށެވެ.
ރޭގެ ވަގުތެއްގައި އެ ހާދިސާ ހިނގާފައި ވަނީ މާލޭ ދެކުނު ފަރާތު ހާބަރު ކަޑަތަކާއި ހައުސިން މިނިސްޓްރީއާ ދެމެދު އޮންނަ އިއްޒުއްދީން މަގުގަ އެވެ.
މަންޒަރު ދުށް މީހުން ބުނީ ކޮންޓެއިނާ ބަރުކޮށްގެން ދިޔަ ލޮރީން އެ ޕޯސްޓްގައި ޖެހި ޕޯސްޓް ވެއްޓި އަންހެން މީހާ ދަށުވުމުން ވަގުތުން އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
ލޮރީ އިން ޖެހި އެ ޕޯސްޓް ވެއްޓުނު ކަމެއް އެ ލޮރީ ދުއްވަން އިން ޑްރައިވަރަށް ފުރަމަ ނޭނގި އޭނާ ވަނީ ގޮސްފަ އެވެ. ފުލުހުން މިއަދު ބުނީ ޑްރައިވަރު ރޭ އަޅާނުލައި ދިޔައީ ލޮރީ އިން ޖެހި އެއްޗެއް ވެއްޓުނު ކަން އޭނާ އަށް އޭރު ނޭނގުމުން ކަމަށެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އަޒްފާ އަކީ ރަޝިއާ ގައި ޑޮކްޓަރުކަން ކިޔަވަމުން އަންނަ ކުއްޖެކެވެ. އަދި މިއީ އޭނާގެ އެންމެ ފަހު އަހަރެވެ. އޭނާ ރާއްޖެ އައިސް ހުރީ ޗުއްޓީއެއްގަ އެވެ. މާދަމާ ނުވަތަ އަނެެއް ދުވަހު އެނބުރި ރަޝިއާ އަށް ފުރާން ވެސް އޮތީ ނިންމައިފަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.