ޖަޕާނުގެ ނިއުކްލިއާ އިންޖީނުގެ އިން ބޭރުވަމުންދާ ނިއުކްލިއާ ރޭޑިއޭޝަނުގެ އަސަރު ރާއްޖެ އަށް ކުރާނެތޯ ބަލަމުންދާ ކަމަށާއި އަދި މިހާތަނަށް އެފަދަ އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެންވާރަމެންޓް މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑުމެން ބަލަމުން އެބަގެންދަން ކިހާވަރެއްގެ ތުރެއްޓެއްތޯ އެއީ އަސްލުގައި. އަޅުގަނޑުމެންނާ މިކަމާ ހުރީ ކިހާވަރެއްގެ ގުޅުމެއްތޯ އެބަބަލަން. ދެން މެލްޓް ޑައުންއަކަށް ގޮއްސިއްޔާދެން ހަމައެކަނި ޖާޕާނަށްނު އަސަރުކުރާނީ. އެހެންވީމަ، ރާއްޖެއަށް ވެސް އަސަރުކުރާނެ. ދެން އެ އަސަރުކުރާނެ މިންވަރަކާއި އެއީ ސިގްނިފިކަންޓް ވަރެއްތޯއާ، އެ އެއްޗެހި ބަލަމުން އަޅުގަނޑުމެން މިގެންދަނީ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި، އަދި ބޭރުގެ އެއްވެސް ފަރާތަކުން ރާއްޖެ އަށް ރޭޑިއޭޝަން ފެތުރުމުގެ ނުރައްކަލެއް އޮތް ކަމަށް ބުނެފަ އެއް ނެތެވެ. އެހެންކަމުން، އެފަދަ ނުރައްކަލެއް ނެތް އިރު، އާއްމުން ބިރުގަތުމުގެ ބޭނުމެއް ނެތް ކަމަށާއި މި ދަނޑިވަޅުގައި ވިސުންނެތެރިކަމާ އެކު ޑެސިޝަންތައް ނެގުމަށް ވެސް މިނިސްޓަރު ގޮވައިލެއްވި އެވެ.

ޖަޕާނަށް މިދިޔަ ހުކުރު ދުވަހު ރިކްޓާ މިންގަނޑުން 8.9ގެ ބާރުމިނުގައި އައި ބިންހެލުމުގައި ފުކުޝިމާގެ ނިއުކްލިއާ އިންޖީނުގޭގެ ކޫލިން ސިސްޓަމް ފެއިލްވެ، އެތަނުގައި ހުރި ރިއެކްޓަރުތަކުން ރޭޑިއޭޝަން ލީކުވާން ވަނީ ފަށައިފަ އެވެ. ޖަޕާނު ސަރުކާރުން ބުނެފައި ވަނީ، އާއްމުންގެ ސިއްހަތަށް ނުރައްކާވާ މިންވަރަށް ރޭޑިއޭޝަންގެ އަސަރު ބޭރުވެފައިވާ ކަމަށެވެ.

މި ރޭޑިއޭޝަންގެ އަސަރު އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ އިރު، ޔޫރިޕިއަން ކޮމިޝަނުން ވަނީ ޔޫރަޕްގެ ގައުމުތަކުގެ އެނާޖީ މިނިސްޓަރުންނާއި ނިއުކްލިއާ އެކްސްޕާޓުންގެ ކުއްލި ބައްދަލުވުމެއް މިއަދު ބްރަސެލްސްގައި ބާއްވާ ގޮތަށް ހަމަޖައްސައިފަ އެވެ.