ވިއެޓްނާމު މަގުން ޗައިނާ އަށް އެތެރެކުރަން މަސައްކަތްކުރި 620 ވެލައާއި ކަހަބު ދެކުނު ޗައިނާގެ ބޯޑަރު ފުލުހުން އަތުލައިގަނެފި އެވެ.

ޗައިނާގެ ފުލުހުން ބުނި ގޮތުގައި، ވަގަށް އެތެރެކުރަން އުޅުނު އެ އެއްޗެހި ފެނިފައި ވަނީ، ގުއާންޝީ ރީޖަންގެ ފެންގްޗެންގްގޭންގު ސިޓީ އަށް މި މަހުގެ 24 ވަނަ ދުވަހު އެތެރެވާން އުޅުނު ގަނޑުކުރި މޫދުކާނާ ބަރުކުރި ލޮރީއެއްގެ ތެރެއިން ކަމަށެވެ.

އެގޮތުން ލޮރީގެ ތެރެއިން ވެލައާއި ކަހަބު ލައި ބަންދުކޮށްފައި ހުރި 15 ފުޅިމަދު ފޮށިގަނޑު ފެނިފައިވާ އިރު، އެތެރެކުރަން އުޅުނު އެއްޗެހީގެ ތެރޭގައި ޗައިނާގައި ހިމާޔަތްކޮށްފައިވާ 510 ވައްތަރެއްގެ ވެލައާއި ކަހަބު ވެސް ހިމެނޭ ކަމަށް އެގައުމުގެ ފުލުހުން ބުނެ އެވެ.

ޗައިނާގެ ފުލުހުން ވަނީ އެ އެއްޗެހި ޕޮރެސްޓްރީ އޮތޯރިޓީތަކާ ހަވާލުކޮށްފަ އެވެ.

ޗައިނާގެ ފުލުހުން ބުނާ ގޮތުން އެ އެއްޗިއްސަކީ ވެލަ އާއި ކަހަބު ބޭނުންކޮށްގެން އަގުބޮޑެތި ކާނާ ތައްޔާރުކުރަން މަޝްހޫރު ގުއާންގުޑޮންގު ޕްރޮވިންސުގެ ކަޅު ބާޒާރުގައި ވިއްކަން ވެގެން އެތެރެކުރި އެއްޗިއްސެވެ.

މައުލޫމާތު: ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީ