އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މި ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމު ލޮލުގެ ފަރުވާއަކަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަކަށް އެދެފިއެވެ.

ނާޒިމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާދަމް އާޒިމް މިއަދު ސަން އަށް ވިދާޅުވީ ނާޒިމްގެ ލޮލުގެ މައްސަލަ ވަރަށް ސީރިއަސް ކަމަށާއި އެކަމަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާދީފައިވާތީ ހުއްދަ ހޯދުމަށް މިދިޔަ ބުރާސްފަތި ދުވަހު އެދިފައިވާނެ ކަމަށެވެ.

"ވަރަށް ބޮޑަށް ގޯސް، ބޭރަށް ގެންގޮސް އަވަހަށް ފަރުވާ ނުދެވިއްޖެއްޔާ ލޮލުގެ ފެނުމަށްވެސް ގެއްލުމެއް ވެދާނެ ކަމަށް ޑޮކްޓަރުން ބުނަމުން ދަނީ،" އާޒިމް ވިދާޅުވިއެވެ.

ރާއްޖެއިން ނާޒިމްގެ ލޮލަށް ވެފައިވަނީ ކީއްކަން ނޭނގޭއިރު ރާއްޖެއިން އެކަމަށް ފަރުވާދެވެން ނެތް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މިއަހަރު ތެރޭގައި ސިންގަޕޫރުން ވެސް ނާޒިމަށް ވަނީ ފަރުވާދީފައެވެ.

ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ.

އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.