15 Mar 2011, 13:19
ސެންޓްރަލް ޕްރޮކިއުމެންޓް އޮފީސް ގާއިމްކޮށް ފިނޭންސް މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް ބަދަލު ގެނައުމުގެ މައްސަލައިގައި ބަހުސް ކުރުމުގެ ވަގުތު އިތުރުނުކޮށްދީގެން މަޖިލީހުގެ ތަޅުން ހޫނުވެ، ނަންއިއްވެވި، ތުޅާދޫ ދާއިރާގެ ނާޒިމް ރަޝާދާއި ކެނދި ކުޅުދޫ ދާއިރާގެ އަހްމަދު އީސަ ޖަލްސާ އިން ނިކުންނަވަންދެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.
މިމައްސަލަ ފުރަތަމަ އުފެދުނީ، މަޖިލީހުގެ އިންޓަވަލަށް ފަހު، އެ މައްސަލަ އަށް ބަހުސް ހުޅުވާލުމުންނެވެ. އެއް ގަޑިއިރަށް ކަނޑައަޅައިގެން ކުރިއަށްގެންދިޔަ މިބަހުސް ނިމެން މަދު މިނިޓް ކޮޅަކަށް ވެފައިވަނިކޮށް ބައެއް މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި ވިދާޅުވީ އެއް ގަޑިއިރަކީ އެ މައްސަލައަށް ބަހުސް ކުރުމަށް އެކަށީގެންވާ ވަގުތެއް ނޫން ކަމަށާއި ވަގުތު ދިގު ކުރަން ޖެހޭ ކަމަށެވެ. ރިޔާސަތާ މުހާތަބު ކުރައްވައި ނާޒިމު ރަޝާދުގެ އިތުރުން ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި މާފަންނު ހުޅަނގު ދާއިރާގެ އަބްދުﷲ އަބްދުއްރަހީމާއި ފަރެސް މާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު ވެސް ވަނީ ފިނޭންސް މިނިސްޓްރީގެ ހިންގުމުގެ ނިޒާމަށް ގެނައި ބަދަލަކީ ގައުމީ ކަމެއް ކަމަށް ވިދާޅުވެ، އެ މައްސަލައިގައި އިތުރު ފުރުސަތު ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، އަޑުފުޅު އުފުއްލަވައިފަ އެވެ.
ނަމަވެސް ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި، މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމު ވިދާޅުވީ މަޖިލީހުގެ މަސައްކަތުގެ ވަގުތު އިތުރު ކުރުން އޮންނަނީ މަޖިލީހުގެ ތަޅުމުން ކުރަން ޖެހޭ ގޮތަށް ނޫން ކަމަށެވެ. އަދި އެކަމަކީ ދުރާލާ ހަމަޖެހިގެން ވަގުތު ކަނޑައެޅިފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ މައްސަލައަކީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހެޅިކަމެއް ކަމަށާއި މަޖިލީހުގެ ރިޔާސަތުން ހުށަހަޅާ ކަންކަމަކީ ވަގުތު ކަނޑައެޅިގެން އަންނަ ކަންކަން ކަމަށާއި އެކަންކަމަކީ އަވަސްކުރަން ޖެހޭކަންކަން، މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާނެ ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.
އެ މައްސަލައިގެ ބަހުސްގެ ވަގުތު އިތުރު ކުރުމަށް މުއްތަލިބު ހުށަހަޅާފައި ވުމާއި، އެކަމަށް މުސްތަފާ ތާއީދު ކުރައްވާފައިވާތީ، ނާޒިމު ރަޝާދު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މެންބަރަކު ހުށަހެޅުމެއް ހުށަހަޅައި އެއަށް ތާއީދު ލިބިއްޖެ ނަމަ އެކަމަށް ވޯޓަށް އަހަން ޖެހޭނެ ކަމަށެވެ. އަދި މައްސަލައަށް ބަހުސްކުރާނެ ވަގުތެއް ކަނޑައަޅަން ޖެހޭނީ އާއްމު ކޮމިޓީގެ މަޝްވަރާގެ މަތިންކަމަށް މަޖިލީހުގެ ގަވާއިދު ބުނާއިރު އެ މައްސަލައިގައި އާއްމު ކޮމިޓީގެ ލަފާ ހޯދާފައިނުވާ ކަމަށް ވެސް ނާޒިމު ރަޝާދު ވިދާޅުވި އެވެ. ނަމަވެސް މައްސަލައަށް ބަހުސްކުރުމަށް އޮތް ވަގުތު އެހިސާބުން ނިންމަވައި ރިޔާސަތުން ފްލޯ ބަންދު ކުރުމާގުޅިގެން އެ މެންބަރުންވަނީ އަޑުގަދަކުރައްވައި، އެވަގުތު ބިލް ހުށަހަޅަން ފުރުސަތު ދެއްވާފައިވާ، މެންބަރުގެ މަސައްކަތަށް ވެސް ހުރަސް އަޅުއްވައިފަ އެވެ.
އެ މައްސަލައާ ބެހޭ ގޮތުން ދެ ވަނަ ފަހަރަށް ނާޒިމް ރަޝާދު ނިޒާމީ މައްސަލަ ނެންގެވީ، ކުންފުންޏާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގެ ތެރެއިންނެވެ. އެހެންކަމުން ތަޅުން ހޫނުވެ، ނާޒިމް ރަޝާދަށާއި އަހްމަދު އީސަ އަށް ތަކުރާރުކޮށް ރިޔާސަތުން އިންޒާރު ދެއްވުމަށް ފަހު ނަންއިއްވެވީ އެވެ. އަދި އެ ދެ މެންބަރުން ޖަލްސާ އިން ނިކުންނަވަން އަންގަވައިގެން ނުނިކުންނެވުމުން، އެ މެންބަރުން ނިކުންނަވަންދެން ޖަލްސާ މެދުކަނޑުއްވައިލެއްވިކަން 1:30ގައި ރިޔާސަތުން އިއްލާން ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ 1:30ގައި މެދުކަނޑާލި ޖަލްސާ އަލުން ފެށުމަކާނުލައި ނިންމާލާފައިވާ ކަމަށެވެ. އަދި ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ ކަމަށް ވެސް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.