30 Aug 2015, 14:19
މިމަހު 28 އިން ފެށިގެން މިއަދުގެ ނިޔަލަށް ޗައިނާގެ ގުއަންޒޫގައި ކުރިއަށްގެންދާ 23 ވަނަ "ޗައިނާ އިންޓަނޭޝަނަލް ފިޝަރީ އެންޑް ސީފުޑް އެކްސްޕޯ"ގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެފައި ވަނީ ފިޝަރީޒް މިނިސްޓްރީގެ ފިޝަރީޒް ޕްރޮމޯޝަން ބޯޑާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ، ސަރުކާރާއި ބައެއް އަމިއްލަ ކުންފުނިތަކެވެ. އެގޮތުން މިފްކޯ އާއި ހޮރައިޒަން ފިޝަރީޒް އާއި އެންސިސް ފިޝަރީޒް އަދި މޯލްޑިވްސް މެރިން ފުޑްސް އާއި ސީޕްރިއާ މެރިން ފުޑްސް ހިމެނެ އެވެ.

ޗައިނާގާއި ކުރިއަށްދާ އިންޓަނޭޝަނަލް ފިޝަރީ އެންޑް ސީފުޑް އެކްސްޕޯގެ ތެރެއިން ---- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީއެ އެކްސްޕޯގައި ރާއްޖެއިން ބައިވެރިވި ކުންފުނިތަކުން ދަނީ ރާއްޖޭގެ 100 އަށްވުރެ ގިނަ މަހުގެ އުފެއްދުންތައް ޕްރޮމޯޓްކޮށް މާކެޓް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަން އެ ކުންފުނިތަކުން ދަނީ ޕްރޮމޯޓް ކުރަމުންނެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެފަދަ އެކްސްޕޯތަކުގައި ރާއްޖެ ބައިވެރިވެ، ރާއްޖޭގެ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓްކުރުމުގެ ފުރުސަތު ތަނަވަސްވެގެން ދަނީ ދިވެހި މަސްވެރިން ބާނާ މަހަށް އެވަގުތަކު ދުނިޔޭގެ ބާޒާރުގައި ހުރި އަގު ލިއްބައިދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް އިތުރު ފުރުސަތު ތަނަވަސްކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން އަންނަނީ ރާއްޖެއިން ބޭރުގައި ބާއްވާ ގިނަ އެކްސްޕޯތަކުގައި ބައިވެރިވެ، ރާއްޖޭގެ އުފެއްދުންތައް ޕްރޮމޯޓް ކުރަމުންނެވެ.