30 Aug 2015, 14:28
ނިއު ލެގޫން ސްވިމިންގ ކުލަބުގެ ޕާޓްނަރަކަށް ސޮނީ ސްޕޯޓްސް ހަމަޖައްސައި ސްޕޮންސާޝިޕް އެގްރިމެންޓްގައި ސޮއިކޮށްފިއެވެ.
ނިއުލެގޫން ސްވިމިންގެ ހެޑް ކޯޗް އިސްމާއިލް ފަރުހާން ބުނީ ސޮނީ ސްޕޯޓްސްއާއެކު ވެވުނު ސްޕޮންސާ ޝިޕް އެއްބަސްވުމުގެ ދަށުން އެ ކްލަބުގެ އިންސްޓްރަކުޓަރުންގެ ކިޓް ސޮނީ ސްޕޯޓްސްއިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސޮނީ ސްޕޯޓްސްގެ ސޭލްސް އެގްޒެކެޓިވް އަހްމަދު ނީޝާން ވިދާޅުވީ، ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ ކިޓަކީ، އެ ކްލަބަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ކިޓެއް ކަމަށެވެ.
ނީޝަން ވިދާޅުވީ، އެއްބަސްވުމުގެ ދަށުން އެ ކްލަބުގެ އެކެޑެމީގައި ޓްރޭން ވާ ބައިވެރިންނަށް ސޮނީ ސްޕޯޓްސްގެ ފިހާރަތަކުން ސްވިމިންގ ކިޓްސް ހެޔޮ އަގެއްގައި ގަންނަން ލިބެން ހުންނާނެކަމަށެވެ.
ސޮނީ ސްޕޯޓްސްއާއެކު ނިއު ލެގޫންއާއި ދެމެދު ވެވުނު އެއްބަސްވުމުގެ މުއްދަތަކީ ދެއަހަރު ދުވަހެވެ.
ނިއު ލެގޫން އަކީ މީގެ ތިން އަހަރު ކުރިން ފެށިގެން ލެގޫންސް ސުވިމިން ކުލަބު ނަމުގައި ހަރަކާތްތެރިވި ކުލަބެކެވެ.
އެކުލަބު ދަނީ މާލެއާއި ހުޅުމާލޭގައި ސްވިންމިންގެ ހަރަކާތްތައް ހިންގަމުންނެވެ.
ފަރުހާން ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އައްޑޫގައި ސްވިމިންގެ ޓްރޭނިންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނިއު ލެގޫން ސްވިމިން ކުލަބުން ދަނީ އޯޓިޒަމް އެސޯސިއޭޝަނާ ގުޅިގެން އޯޓިޒަމް ކުދިންނަށް ހިލޭ ސްވިމިން އިވެންޓަތައް ހިންގަމުންނެވެ.