ނ. ވެލިދޫގައި ބަނގުރާ އުފައްދައި އެ ތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ވެލިދޫގައި ފުލުހުން ކުރަމުންދާ މަސައްކަތުގެތެރެއިން އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެތަކެތި ފެނިފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ލިބުނު މައުލޫމާތަކާ ގުޅިގެން ވެލިދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ވެލިދޫގައި މިވަގުތު ހަރަކާތްތެރިވަމުންދާ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަންގައި އެ ގޯތި ބަލައި ފާސްކުރި އިރު ތަޅުލާފައި ހުރި ގުދަނެއްގެ ތެރެއިން ބަނގުރާ ތައްޔާރު ކުރުމަށް ބޭނުންކުރާ ބައެއް ސާމާނާއި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ހަން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހައްޔަރު ކޮށްފައިވާ މީހާއަކީ ތަފާތު އެކިކަންކަމާ ގުޅިގެން ދެފަހަރު ހުއްޓުވައި ސުވާލުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން ހަތް ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަތަރު ފަހަރަކު އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ތިން މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް އެދި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭގެ އިތުރުން އޭނާ އަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ފޭރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ.

ބަނގުރާ އުފައްދާ އެތަކެތި ވިއްކުމުގެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހަތް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.