30 Aug 2015, 13:05
ސިންގަޕޫރު (އޮގަސްޓް 30) : މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އޭޝިޔާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފި އެވެ.
މިއީ މިސްރުގެ ރައީސަކު ސިންގަޕޫރަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅު ކަމަށްވެ އެވެ. ސީސީގެ މިދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ޓޯނީ ޓާންގެ އިތުރުން ބޮޑުވަޒީރު ލީ ލޫންގް އާ ވަކިވަކިން ބައްދަލުކުރުމަށް ހަމަޖެހިފައިވެ އެވެ. ސީސީ ސިންގަޕޫރުގެ ލީޑަރުންނާ މަޝްވަރާކުރައްވާ ކަންތައްތަކުގެތެރޭގައި ސިންގަޕޫރުގެ އިންވެސްވެސްޓްމަންޓްތައް މިސްރަށް ގެނެވޭނެ ގޮތްތަކާބެހޭ ގޮތުންނާއި މެދުފަންތިއާއި ދަށުފަންތީގެ ސިނާއަތު ފުޅާކުރުމަށް ބޭނުންވާ ތައުލީމާއި ތަމްރީން މިސްރުގެ ދަރިވަރުންނާއި މަސައްކަތްތެރިންނަށް ސިންގަޕޫރުން ލިބޭނެ ގޮތް ތަނަވަސްކުރުމާއި އެނޫން ވެސް ފަންނީ އަދި ވޮކޭޝަނަލް ތައްލީމާއި ތަމްރީން ސިންގަޕޫރުގެ އިންސްޓިޓިއުޓްތަކުގައި މިސްރުގެ ދަރިވަރުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭ ވާހަކަތައް ހިމެނެ އެވެ.
މިމައްސަލަތަކުގެ އިތުރުން ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ ހަނގުރާމައާއި އެނޫން ވެސް މައްސަލަތަކާ ބެހޭ ގޮތުން ސީސީ ސިންގަޕޫރުގެ ލީޑަރުންނާ މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. ސިންގަޕޫރާއި މިސްރުގެ ޑިޕްލޮމެޓިކް ގުޅުންތަކަށް 2016 ވަނަ އަހަރު 60 އަހަރު ފުރޭނެ އެވެ. ސިންގަޕޫރާއި މިސްރުގެ ގުޅުންތަކަކީ ޒަމާންވީ ގުޅުންތަކެއްކަމަށް ވިޔަސް އެއްގައުމުގެ އިސް މަސްއޫލުވެރިން އަނެއް ގައުމަށް ޒިޔާރަތް ކުރެއްވުން ވަރަށް ދުރެވެ.
ސީސީ އޭޝިޔާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ ސިންގަޕޫރެވެ. އެއަށް ފަހު އޭނާ އިންޑޮނީޝިޔާއަށާއި ޗައިނާއަށް ޒިޔާރަތް ކުރައްވާނެއެވެ. (ނޫސްއެޖެންސީތައް)