15 Mar 2011, 13:09
ޖަޕާނަށް އައި ބާރުގަދަ ބިން ހެލުމުގައި ފެއިލްވެފައިވާ ފުކުޝިމާގެ އިންޖީނުގޭގައި ބާރުގަދަ ގޮވުންތަކެއް ގޮވުމާ ގުޅިގެން އާއްމުންގެ ސިއްހަތަށް ނުރައްކާވާ މިންވަރަށް އެތަނުން ރޭޑިއޭޝަން ބޭރުވަމުންދާ ކަމުގެ އިންޒާރު ޖަޕާނު ސަރުކާރުން ދީފި އެވެ.
ފުކުޝިމާގެ އިންޖީނުގޭގައި މިއަދު އިތުރު ގޮވުންތަކެއް ގޮވައި، އަލިފާނުގެ ހާދިސާތައް ހިނގުމާ ގުޅިގެން ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔުކިއޯ އެޑާނޯ ވިދާޅުވެފައި ވަނީ، އާއްމުންގެ ސިއްހަތަށް ނުރައްކާވާ މިންވަރަށް ރޭޑިއޭޝަންގެ އަސަރު ބޭރުވެފައިވާ ކަމަށާއި އަދިވެސް ރޭޑިއޭޝަންގެ އަސަރު ބޭރުވާނެ ކަމަށް ބެލެވިފައިވާ ކަމަށެވެ.
ނަމަވެސް، އެ އަދަދަށް ރޭޑިއޭޝަންގެ އަސަރު ފެނިފައި ވަނީ ހަމައެކަނި ފުކުޝިމާގެ އިންޖީނުގެއާ ކައިރި ހިސާބުތަކުން ކަމަށާއި ދުރުހިސާބުތަކަށް އެފަދަ ނުރައްކަލެއް ނެތް ކަމަށް ޖަޕާނުގެ އޮފިޝަލުން ވަނީ ވިދާޅުވެ އެވެ.
ޖަޕާނު ސަރުކާރުން ވަނީ ފުކުޝިމާގެ ނިއުކްލިއާ ޕްލާންޓް ވަށައިގެން 30 ކިލޯމީޓަރު ހުސްކުރުމަށް އަންގައި، އެ ސަރަހައްދުގައި އުދުހުން މަނާކޮށްފަ އެވެ.
ޚަބަރުތައް ބުނާ ގޮތުގައި، ރޭޑިއޭޝަން ނުރައްކާވާ މިންވަރަށް ބޭރުވަމުންދަނީ ފުކުޝިމާގެ ހަތަރު ނަންބަރު ޕްލާންޓުންނެވެ. އެ ރޭޑިއޭޝަން ބޭރުވުން ހުއްޓުވުމަށް ޖަޕާނުގެ 50 އަށް ވުރެ ގިނަ މީހުން ދަނީ އެ އިންޖީނުގެ ތެރޭގައި ކެނޑިޑޭޅި މަސައްކަތްކުރަމުންނެވެ.
ނަމަވެސް، ބީބީސީއާއި އޭއެފްޕީން ބުނާ ގޮތުގައި، ނިއުކްލިއާ ރޭޑިއޭޝަންގެ އަސަރުވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯއާ ހަމައަށްވެސް ފޯރައިފަ އެވެ. ނަމަވެސް، ޖަޕާނުގެ ރަސްމީ ފަރާތްތަކުން މިކަން ކަށަވަރުކޮށެއް ނުދެ އެވެ.
ބޭރުގެ މީޑިއާތަކުން ބުނަނީ، ނިއުކްލިއާ ރޭޑިއޭޝަން ބޭރުވަމުންދާ މިންވަރާ ގުޅޭ ގޮތުން ޖަޕާނު ސަރުކާރުން ދޮގުހަދަމުންދާ ކަމަށް ބުނެ ބައެއް ރައްޔިތުން ހިތްހަމަނުޖެހުން ވެސް ފާޅުކުރަމުންދާ ކަމަށެވެ.
ފުކުޝިމާގެ ނިއުކްލިއާ އިންޖީނުގެ އިން ބޭރުވަމުންދާ ރޭޑިއޭޝަންގެ އަސަރު މުޅި އޭޝިޔާ ޕެސިފިކް ސަރަހައްދަށް ފެތުރިގެންހިނގައިދާނެ ކަމުގެ ބިރުހީވެފައިވާތީ ގައުމުތަކުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން ފަށައިފައިވާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ދަނީ ބުނަމުންނެވެ.
ޔޫރިޕިއަން ކޮމިޝަނުން ދަނީ ޖަޕާނުގެ ނިއުކްލީއާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޔޫރަޕްގެ އެނާޖީ މިނިސްޓަރުންނާއި ނިއުކްލިއާ ދާއިރާގެ ތަޖުރިބާކާރުންގެ ބައްދަލުވުމެއް މިއަދު ބްރަސެލްސްގައި ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި ޖާމަނީ އާއި ސުވިޓްޒަލޭންޑުގެ ސަރުކާރުން ވަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމްތަކާ ގުޅޭ ބައެއް މަޝްވަރާތައް މަޑުޖައްސަލައިފަ އެވެ.
ޖަޕާނުގެ ނިއުކްލިއާ އިމަޖެންސީއާ ގުޅިގެން ޔޫރަޕްގެ ގައުމުތަކުގައި އެންޓި-ނިއުކްލިއާ އެކްޓިވިސްޓުންގެ ހަރަކާތްތައް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން ޖަރުމަނީގައި މިއަދު ވަނީ މުޒާހަރާއެއް ވެސް ބާއްވައިފަ އެވެ.
ޖަޕާނުގެ ތާރީޚުގައި އެގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމުގައި ފެއިލްވެފައިވާ ފުކުޝިމާގެ ނިއުކްލިއާ އިންޖީނުގޭގައި ފާއިތުވި ހަތަރު ދުވަހުގެ ތެރޭ ބާރުގަދަ ތިން ގޮވުމެއް ގޮވައި، އަލިފާން ރޯވެފައިވެ އެވެ. ނަމަވެސް، ރޯވި އަލުފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ނަމަވެސް، ނިއުކްލިއާ ރޭޑިއޭޝަންގެ އަސަރު ލީކުވުމުން އަދިވެސް ނުހުއްޓެ އެވެ.
މިދިޔަ ހުކުރު ދުވަހު ޖަޕާނަށް ރިކްޓާމިންގަނޑުން 8.9ގެ ބާރުމިނުގައި އައި ބިންހެލުމާއި، އެއާ ވިދިގެން އުފެދުނު ސުނާމީގައި މަރުވި މީހުންގެ އަދަދު 2400 އަށް ވުރެ މައްޗަށް އަރައިފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް، އެ އަދަދު 10،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.
ޖަޕާނަށް ކުރިމަތިވެފައިވާ ކާރިސާގައި އެގައުމަށް ލިބިފައިވާ ގެއްލުން ވަޒަން ކުރެވޭ ވަރަށް ވުރެ ބޮޑުއިރު، ސަލާމަތީ ބާރުތަކުން ވަނީ ރެސްކިއު އޮޕަރޭޝަންތައް ފަށައިފަ އެވެ. ހާލުގައި ޖެހިފައިވާ ގިނަ ބަޔަކު ސަލާމަތްކުރަމުންދާއިރު ގެއްލިފައިވާ މީހުންގެ އަދަދު އުޅެނީ 6000 އަށް ވުރެ މަތީގަ އެވެ.