30 Aug 2015, 12:59
ރެއާލް ބެޓިސް ގެމައްޗަށް 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ރެއާލް މެޑުރިޑް މޮޅުވި އިރު ވާދަވެރި ބާސެލޯނާވެސް 1-0ގެ ނަތީޖާއަކުން މަލާގާގެ މައްޗަށް ކާމިޔާބު ހޯދައިފި އެވެ.
ރެއާލްގެ ސްޓޭޑިއަމް ސެންތިއާގޯ ބެރުނަބިއުގައި ކުޅުނު މެޗްގައި ރެއާލްގެ ގެރެތު ބޭލްއާއި ޖޭމްސް ރޮޑްރިގޭޒް ވަނީ ކޮންމެ ކުޅުންތެރިޔައަކު ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ.

ސްޕެނީޝް ލީގްގައި ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލު ކުރި މެޗްގެ ލަނޑު ޖެހި ދެކުޅުންތެރިން ކަމުގައިވާ ބޭލް (ކ) އާއީ ޖޭމްސް (ވ) --- ފޮޓޯ/ ރޮއިޓަސް
މެޗްގައި ރެއާލްއިން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ބެޓިސްގެ ގޯލް ފޫ އަޅުވާލައިފަ އެވެ.
އެގޮތުން މެޗް ފެށިގެ ދެ ވަނަ މިނެޓް ތެރޭގައި ޖޭމްސް ނެގި ހުރަހެއް ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެން ބޭލް ވަނި ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ރެއާލްގެ ދެ ވަނަ ލަނޑު ޖޭމްސް ކާމިޔާބު ކުރީ މެޗްގެ 38 ވަނަ މިނެޓްގައި ބެޓިސްގެ ޕެނަލްޓީ އޭރިއާ ބޭރުން ރެއާލްގެ ކްރިސްތިއާނޯ ރޮނާލްޑޯ އަށް ބެޓިސްގެ ޑިފެންޑާ ޖޯޖް މޮލީނާކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުންނެވެ.

ސްޕެނީޝް ލީގްގައި ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލު ކުރި މެޗްގައި ރޮނާލްޑޯއަށް ފައުލު ކުރުމަށް ޖޯޖް މޮލީނާ މަސައްކަތް ކުރަނީ --- އޭޕީ ފޮޓޯ/ ފްރެންޗިސްކޯ ސެކޯ
ރެއާލްގެ ތިން ވަނަ ލަނޑު ކަރީމް ބެންޒަމާ ކާމިޔާބު ކުރި މެޗްގެ 47 ވަނަ މިނެޓްގައި ބޭލް ހުރަސް ކުރި ބޯޅަ ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
އޭގެ ތިން މިނެޓް ފަހުން ރެއާލްގެ ހަތަރު ވަނަ ލަނޑު ޖޭމްސް ކާމިޔާބު ކުރީ ޓޯނީ ކުރޫޒް ތަނަވަސްކޮށްދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ބައިސްކަލް ކިކަކުން ކުރިއަށް ފޮނުވާލައިގެންނެވެ. އެވަގުތު ބެޓިސްގެ ޕެނަލްޓީ އެރިއާ ތެރޭގައި ތިބި ޑިފެންޑަރުންނަށް ޖޭމްސް ހުއްޓުވުމަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.

ސްޕެނީޝް ލީގްގައި ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލު ކުރި މެޗްގައި ލަނޑު ޖެހުމަށް ފަހު ބޭލް އުފާކުރަނީ --- އޭޕީ ފޮޓޯ/ ފްރެންޗިސްކޯ ސެކޯ
ރެއާލްގެ ފަސް ލަނޑު ބޭލް ކަމިޔާބު ކުރީ ބްރަޒިލްގެ މިޑްފީލްޑާ ކެސެމީރޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މެޗްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ބެޓިސްއަށް ލިބިގެން ދިޔަ އެވެ. އެއީ ރެއާލްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމްގެ ޑިފެންޑާ ރެފޭލް ވެރޭން ބެޓިސްގެ މޮލީނާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
ނަމަވެސް މެޗްގެ 61 ބެޓިސްގެ ފޯވަޑް ރުބެން ކާސްޓްރޯ ފޮނުވާލި ޕެނަލްޓީ ރެއަލްގެ ކީޕަރު ކާލޯ ނާވަސް ވަނީ ދިފާއުކޮށްފަ އެވެ.
ރޭ ބަސާގެ އަމިއްލަ ދަނޑު ކޭމްޕް ނޯގައި ކުޅުނު މެޗްގައި އެޓީމްގެ ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ބެލްޖިއަމްގެ ޑިފެންޑާ ތޯމަސް ވާމްލޭން ކާމިޔާބު ކުރީ ބާސާއިން އުފެއްދި ހަމަލާއެއް ރީބައުންސް ވެގެން ނިކުތުމުން އެބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

ސްޕެނިޝް ލީގްގައި ބާސާއާއި މަލާގާ ބައްދަލު ކުރި މެޗްގައި ބާސާގެ ލަނޑު ޖެހުމަށް ފަހު ވާމްލޭން (ވ) އުފާ ކުަރަނީ --- ފޮޓޯ/ އީޕީއޭ
ރޭގެ މެޗް ފެށުމުގެ ކުރިން ބާސާގެ ކެޕްޓަން އަންދުރޭ އިނިއެސްޓާ ޔޫއެފްއާސް ކަޕްގެ ޓްރޮފީ ބާސާގެ ސަޕޯޓަރުންނަށް ދައްކާލިރު، ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޮޑް ހޯދި ބާސާގެ ވައިސް ކެޕްޓަން ވަނީ އޭނައަށް ލިބު ޓްރޮފީ ދައްކާލާފަ އެވެ.

ސްޕެނީޝް ލީގްގައި ބާސެލޯނާއާއި މަލާގާ ބައްދަލު ކުރި މެޗްގެ ކުރިން މެސީ (ކ) އާއި އިނިއެސްޓާ (ވ) ޓްރޮފީ ދައްކާލަނީ --- އޭޕީ ފޮޓޯ/ މަނޫ ފެނާންޑޭޒް
ރޭގެ މިމެޗުން މޮލުވުމުން ލިބުނު ތިން ޕޮއިންޓާ އެކު ބާސާ އޮތީ ހަ ޕޮއިންޓް ލިބިގެން ތާވަލްގެ ދެ ވަނައިގަ އެވެ.
އެ ޓީމަށް ވުރެ ދެ ޕޮއިންޓް މަދުން ލިބިގެން ރެއާލް އޮތީ ތިން ވަނައިގަ އެވެ. އެއްވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު ލަނޑު ތަފާތުން ކުރި ލިބިގެން ސެލްޓެ ޑެވީގޯ އެވެ.