މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ތިންވަނަ ހަފްތާތެރޭ ބޭއްވުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒް ވިދާޅުވެއްޖެ އެވެ.

'ސަން' އާ ވާހަކަދައްކަމުން ނިޔާޒް ވިދާޅުވީ، އަހަރީ އާންމުޖަަލްސާ އަށް ތައްޔާރުވަމުން އަންނަ ކަަމަށެވެ.

" ސެޕްޓެމްބަރު ތިންވަނަ ހަފްތާގައި އޭޖީއެމް ބާއްވަން މަސައްކަތް ކުރަމުން މިދަނީ،" ނިޔާޒް ވިދާޅުވިއެވެ.

ޕަބްލިކް ލިމިޓެޑް ކުންފުނިތަކުގެ ތެރެއިން މިހާތަނަށް އަހަރީ އާއްމު ޖަލްސާ ބާއްވާފައި ނުވަނީ ހަމައެކަނި އެމްޓީޑީސީން ނެވެ. 'ސަން' އެނގިފައިވާ ގޮތުގައި އެ ކުންފުނީގެ އޭޖީއެމް ބޭއްވުން ލަސްވީ ސަރުކާރުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަންޖެހޭ ބޭފުޅުން އައްޔަށް ކުރުންލަސްވެގެންނެވެ.

އެހެންނަމަވެސް ސަރުކާރުން މިހާރު ވަނީ ދެ ބޭފުޅަކު އެ ބޯޑަށް އައްޔަންކޮށްފައެވެ. އެ ދެ ބޭފުޅުންނަކީ ފަޒްލީ އަބްދުލް ވައްހާބު، ހ. ސިތާރާވާދީ އާއި އަލީ ނިޝާން، މާކޯނި، މ. މުލީ އެވެ.

އެ ކުންފުނީގެ ޗެއާޕާސަނެއްގެ ގޮތުގައި މިއަހަރުވެސް ސަރުކާރުން ހަމަޖައްސާފައި ވަނީ މިދިއަ އަހަރުވެސް އެ މަގާމުގައި ހުންނެވި އިބްތިޝާމާ އަހުމަދު ސައީދެވެ.

އެމްޓީޑީސީ އަށް 2014 ވަނަ އަހަރު ސާފު ފައިދާ އަށް 13.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.