އިނގިރޭސި ޕްރިމިއަލީގުގައި ރޭ ކުޅުނު މެޗުތަކުގެ ތެރޭން މެންޗެސްޓާ ސިޓީއާއި އާސެނަލް މޮޅުވި އިރު، ޗެމްޕިއަން ޗެލްސީ އަމިއްލަ ދަނޑުގައި ކުޅެ ބަލިވެއްޖެ އެވެ.

ވޮޓްފޯޑް އާ ދެކޮޅަށް ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން މޮޅުވެ ސިޓީ ވަނީ ލީގުގައި އެޓީމު މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓް ފައިދާ 10 ގޯލާއެކު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފައެވެ. އަދި ރޭ މެޗުގެ ބޮޑުބައި އެއްކުޅުންތެރިއަކު މަދުން ކުޅުނު ނިއުކާސަލްގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ލަނޑަކާއެކު 1-0 އިން ހަނިގޮތަކަށް މޮޅުވެ އާސެނަލް ވެސް ވަނީ 7 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައަށް ކުރިއަށް ޖެހިލައިފައެވެ.

ޗެމްޕިއަން ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން 2-1 ލަނޑުން ބަލިވެ 4 ޕޮއިންޓާއެކު ލީގު ތާވަލުގެ 13 ވަނައަށް ވެއްޓިފައެވެ. ރޭ ޗެލްސީ އަތުން މޮޅުވެ ޕެލަސް އޮތީ 9 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވޮޓްފޯޑުން ސިޓީ ލަނޑެއް ކާމިޔާބުކުރިޔަ ނުދީ ހިފެހެއްޓި ނަމަވެސް، ދެވަނަ ހާފް ފެށިގެން 88 ސިކުންތު ތެރޭގައި ސިޓީން ވަނީ މެޗުގެ ކުރި ހޯދައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ލިވަޕޫލުން 49 މިލިއަން ޕައުންޑަށް އެ ކްލަބާ ގުޅުނު ރަހީމް ސްޓާލިންއެވެ. މިއީ ސިޓީއަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ސިޓީގެ ދެވަނަ ލަނޑު މެޗުގެ 56 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފެނާންޑީނިއޯ އެވެ.

ރޭގެ މި މޮޅާއެކު ސިޓީން ވަނީ، ޕްރިމިއަލީގުގައި މެޗަކުން ބަލިނުވެ ޖެހިޖެހިގެން 10 މެޗެ ހަމަކޮށްފައެވެ. މިއީ 103 އަހަރަށް ފަހު އެޓީމުން ގާއިމުކުރި ކްލަބް ރެކޯޑެކެވެ.

ނިއުކާސަލްގެ އެސްޓީ ޖޭމްސް ޕާކުގައި ރޭ ކުޅުނު މެޗުގެ 15 ވަނަ މިނިޓްގައި އާސެނަލްގެ ފްރާންސިސް ކޮކްލިންއަށް ނިއުކާސަލްގެ ސާބިއާ ފޯވާޑް އެލެކްސެންޑަރ މިޓްރޮވިޗް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ދެ ވަނަ ރީނދޫ ކާޑަކާއެކު އޭނާއަށް ވަނީ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. 10 މީހުންނާއެކު ކުޅެމުން ދިޔަ ނިއުކާސަލްއާ ދެކޮޅަށް ރަނގަޅު ކުޅުމެއް އާސެނަލްއިން ދެއްކި ނަމަވެސް މެޗުގައި އެޓީމަށް ރަނގަޅު ނަތީޖާއެއް ނުނެރެވުނެވެ.

އާސެނަލް މި މެޗުން މޮޅުވި ލަނޑަކީ އެޓީމުގެ ވިންގަރ އެލެކްސް އޮކްސްލޭޑް ޗެމްބަލައިން ފޮނުވާލި ބޯޅައެއް 52 ވަނަ މިނިޓްގައި ނިިއުކާސަލްގެ ޑިފެންޑަރު ކޮލޮޗީނީގެ ފައިން ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

ސްޓެމްފޮޑް ބްރިޖްގައި ރޭ ކްރިސްޓަލް ޕެލަސްއިން ވަނީ، މިފަހަރުގެ ލީގުގައި މިހާރު އޮތް އެންމެ ވަރުގަދަ ސްކޮޑާއެކު ނުކުތް ޗެމްޕިއަން ޗެލްސީ ސައިޒްކޮށްލައިފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީގެ ނުރައްކާތެރި ހަމަލާތައް ދިފާއުކުރުމުގައި ހޭދަކޮށްލި ނަމަވެސް މެޗުގެ ލީޑު ނެގީ ޕެލަސްއިންނެވެ. އެޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ، ބަކަރީ ސަކޯއެވެ.

ޮމޮރީނިއޯގެ ޗެލްސީއަށް މެޗުގައި އުންމީދު އާކޮށްދިނީ، ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި، ރަޑެމަލް ފަލްކާއޯ އެވެ. މެޗުގެ 79 ވަނަ މިނިޓްގައި ފަލްކާއޯ އެ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ޕެޑްރޯ ނަގައިދިން ހުރަހެއް ބޮލުން ޖަހައި ޕެލަސްގެ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ފަލްކާއޯ ޗެލްސީއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ޗެލްސީން މެޗުގެ ނަތީޖާ ހަމަހަމަކުރި ނަމަވެސް އެޓީމަށް ހިތްހަމަ ޖެހިލައިގެން މާކަ ގިނައިރަކު ނޯވެވުނެވެ. ބަކަރީ ސަކޯ ޗެލްސީގެ ޕެނަލްޓީއޭރިޔާތެރެއަށް ފޮނުވާލި ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެން ޕެލަސް މޮޅުވި ލަނޑު 81 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖޮއެލް ވާޑް އެވެ.

ޕްރިމިއަ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު، އެސްޓަންވިލާއާ ސަންޑަލޭންޑް ބައްދަލު ކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން ނިމުނުއިރު، ބޯންމައުތްއާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ލިވަޕޫލް އެޓީމްގެ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް އަތުން 3-0 އަކުން ބަލިވިއިރު، ސްޓޯކް ސިޓީ ވަނީ ވެސްޓްބްރޮމް އަތުން 1-0 އިން ބަލިވެފައެވެ. އަދި ޓޮޓްންހަމްއާ އެވަޓަން ބައްދަކުރި މެޗު ނުމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.