30 Aug 2015, 11:50
ކޮންޓްރެކްޓާ ބެހޭ ގާނޫނުން ލިބިދެވޭ ސިފަތަކާއި ގާނޫނުން ލިބިދޭ ފުރުސަތުތައް ބަޔާންކުރާ ފޮތެއް ނެރެފިއެވެ.
އިއްޔެ ހަވީރު ރާވެރިޔާ ރެސްޓޯރަންޓުގައި ބޭއްވި ހަފްލާއެއްގައި އެ ފޮތް ނެރެދެއްވީ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނެވެ. އެ ފޮތަކީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ރަޝީދު ލިޔުއްވާފައިވާ ފޮތެކެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ، އެ ފޮތް ވިއްކައިގެން ލިބޭ ފައިސާ ޚަރަދުކުރައްވާނީ ނަޒާހާތްތެރިކަން ކުރިއެރުވުމަށް ކަމަށެވެ. އެ ފޮތް މާލޭގެ ބައެއް ބުކްޝޮޕްތަކުން ލިބެން ހުންނާނެ އެވެ.
އޭނާ ވިދާޅުވީ، އެ ފޮތުގައި އިނގިރޭސި ކޮންޓްރެކްޓް ލޯގެ ތާރީޚާއި މަސްދަރުތަކާއި ކޮންޓްރެކްޓުގެ ރުކުންތަކާއި ފުރިހަމަ ކޮންޓްރެކްޓެއް އެކުލަވާލުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް ހިމަނާފައިވާނެ ކަމަށެވެ.
ކޮންޓްރެކްޓެއް ހެދުމުގައި ލިޔެވޭ ކުށްތަކާއި ކުޑަކުދިން ކުރާ ކޮންޓްރެކްޓުގެ ގާނޫނީ ސައްޚަ ކަމާ މެދު އުފެދޭ ސުވާލުތަކާ ބެހޭގޮތުން އެ ފޮތުގައި ވާހަކަދެކެވިފައިވާނެ ކަމަށް ވެސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ކޮންޓްރެކްޓާ ބެހޭ ގާނޫނުން ލިބިދެވޭ ސިފަތަކާއި ގާނޫނުން ލިބިދޭ ފުރުސަތުތައް ބަޔާންކުރާ ފޮތް ލިޔުއްވި އަބްދުﷲ ރަޝީދު ވާހަކަފުޅުދައްކަވަނީ ---- ފޮޓޯ: މުހައްމަދު އަހްމަދު
އެ ފޮތް ނެރެދެއްވުމަށްފަހު ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ދެއްކެވި ވާހަކަފުޅުގައި އާންމުންނަށާއި ގާނޫނީ ދާއިރާއިން ތައުލީމް ހާސިލުކުރަމުންދާ ދަރިވަރުންގެ އިތުރުން ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އެފޮތަކީ ބޭނުންތެރި އެހީއެއް ކަމުގައި ވިދާޅުވި އެވެ.
ރާއްޖޭގައި މިވަގުތު 250 އަށް ވުރެ ގިނަ ގާނޫނަށް އަމަލުކުރަމުންދާއިރު، އެ ގާނޫނުތަކާ ބެހޭގޮތުން އިލްމީ ލިޔުންތައް އެކުލަވާލުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ޕީޖީ ވަނީ އަލިއަޅުވާލައްވައިފަ އެވެ.
"އެ ގާނޫނުތައް އެކަށީގެންވާ ގޮތުގައި ދިރާސާކުރެވި ވަކިން ޚާއްސަކޮށް ކުރިއަރާފައިވާ ތަހުޒީބީ މުޖުތަމައުތަކުގައި އަމަލުކުރެވޭ ގޮތްތަކާއި މުގާރަނާ ކުރެވިގެން، އިލްމީ ލިޔުންތައް އެކުލަވާލުމަކީ ގާނޫނު ހެދުމުގެ ބާރު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމުގައި ދެކެން،" މުހުތާޒު ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ، ގާނޫނު އަސާސީން ފުރިހަމަ ޑިމޮކްރެޓިކް ވެއްޓެއްގެ އަސާސްތަކާއި އުސޫލުތައް ކަނޑައަޅާފައި އޮތްކަމުގައި ވިޔަސް ގާނޫނު އަސާސީގެ ހިޔާވަހިކަން ފެތުރިގެންދާނީ ގާނޫނީ މަފްހޫމްތަކަށް ރައްޔިތުން ހޭލުންތެރި ކުރުވިގެން ކަމަށެވެ. ނަމަވެސް ގާނޫނީ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވެމުން ނުދާ ކަމަށް މުހުތާޒު ވިދާޅުވިއެވެ.

ފޮތްނެރެދެއްވުމަށްފަހު ޕީޖީ މުހުތާޒު ވާހަކަފުޅުދައްކަވަނީ ---- ފޮޓޯ: މުހައްމަދު އަހްމަދު
ދިމިގުރާތީ މުޖުތަމައުތައް ހެދުމަށް އެންމެ މުހިންމު އެއްކަމަކީ ގާނޫނީ ހަމަތަކާއި ގާނޫނީ އުސޫލުތަކުގެ މައްޗަށް އާންމުން ހޭލުންތެރި ކުރުވުން. އެހެންނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ގާނޫނީ ދާއިރާ އިން އާންމުން ހޭލުންތެރި ކުރުވުމަށް ކުރެވޭ މަސައްކަތް އެކަށީގެންވާރަށް ވެސް ކުޑަކަން. ގާނޫނީ މައުލޫމާތުތައް އާންމުންނަށް ބޭނުންވެފައިވީނަމަވެސް އެކަމަށް އާންމުންނަށް ހުރި ދަތިތައް ގިނަ،" މުހުތާޒު ވިދާޅުވިއެވެ.
އާންމުންނާ ރަށްޓެހި ބަހުރުވައިން ތިލަ އިބާރާތުން ގާނޫނީ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ވަސީލަތް ފުޅާކުރަން އެބަޖެހޭ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.
ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތުތައް ރާއްޖޭގައި ހުޅުވާލެވިފައިވީނަމަވެސް ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ދިނުމުގައި ރާއްޖޭގެ ވެއްޓަށާއި ރާއްޖޭގެ ގާނޫނީ ނިޒާމަށް ޚާއްސަ ކުރެވިފައިވާ މައުލޫމާތު ދެވެނީ އެންމެ އެކަށީގެންވާގޮތުގައި ނޫންކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.
"ގާނޫނީ ދާއިރާ އިން މަތީތައުލީމް ދިވެހިރާއްޖޭގައި ދިނުމުގެ ފުރިހަމަ ފައިދާ ލިބިގެންދާނީ ތަހުޒީބީ މުޖުތަމައުތަކުގައި ގާއިމްކުރެވޭ އުސޫލުތަކުގެ އަލީގައި ދިވެހިރާއްޖޭގެ ނިޒާމް އަޅާ ކިޔުމުގެ މައްޗަށް ފޮތްތަކުގެ ޒަރިއްޔާއިން ކިޔަވައިދެވިގެން ކަމުގައި ވުމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް،" ޕީޖީ ވިދާޅުވި އެވެ.
މުހުތާޒު ވިދާޅުވީ ގާނޫނީ އުސޫލުތައް ކިޔަވައިދިނުމުގައި ރާއްޖޭގެ ގާނޫނުތަކުގައި ކަންކަން އައިސްފައި ހުރި ނެތް ގޮތް ފާހަގަކޮށް އަޅައި ކިޔުމުގެ ނަޒަރަކުން ތައުލީމް ފޯރުކޮށްދިނުމަކީ ހަރުދަނާ ތައުލީމަކަށްޓަކައި ކޮންމެހެން އަޅަންޖެހިއްޖެ ފިޔަވަޅެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
"ގާނޫނީ ބައެއް އުސޫލުތަކަކީ އޭގެ މާނައިގައި އެކައްޗެއް ކަމުގައި ވިޔަސް އެ އުސޫލުތައް ތަންފީޒު ކުރުމުގައި ގެނެވޭ އިސްތިސްނާ ހާލަތްތަކާ ކުދިކުދި ތަފާތު ތަކަކީ ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ ވެއްޓާ ގުޅިފައި އޮންނަ ކަމެއް. އެހެންކަމާ އެކު ގާނޫނީ އުސޫލުތައް ކިޔަވައިދިނުމުގައި ދިވެހިރާއްޖޭގެ ގާނޫނުތަކުގައި ކަންކަން އައިސްފައި ހުރި ނެތް ގޮތް ފާހަގަކޮށް އަޅައި ކިޔުމުގެ ނަޒަރަކުން ތައުލީމް ފޯރުކޮށްދިނުމަކީ ހަރުދަނާ ތައުލީމަކަށްޓަކައި ކޮންމެހެން އަޅަންޖެހިއްޖެ ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެން،" މުހުތާޒު ވިދާޅުވިއެވެ.