ކެމިކަލް އެތެރެކުރުމުގެ ހުއްދަދިނުމަށް ޑިފެންސް މިނިސްޓްރީން ކުރާ މަސައްކަތް ހަރުދަނާ ކުރުމަށްޓަކައި ސޮފްޓްވެއާއެއް ހަދަން ނެޝަނަލް ސެންޓާ ފޯ އިންފޯމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާ މިއަދު ހަވާލުކޮށްފި އެވެ.

އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެންސީއައިޓީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު އެވެ. އެންސީއައިޓީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޓް ޓްރެޜަރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެންސީއައިޓީ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެ ސޮފްޓްވެއާ ހެދުމުން ރާއްޖެއަށް އާންމުކޮށް އެތެރެކުރާ ކެމިކަލްތަކުގެ ޑޭޓާބޭސް އެއް ނުވަތަ ނެޝަނަލް ކެމިކަލް ޑޭޓާބޭސް އެއް ގާއިމްކުރާނެ އެވެ.

ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒުހައިރު ވިދާޅުވީ، ސޮފްޓްވެއާގެ ސަބަބުން ރާއްޖެއަށް ކެމިކަލް އެތެރެކުރުމަށް ހުއްދައަށް އެދޭ ފަރާތްތަކަށް ދޫކުރާ ހުއްދަ ފަސޭހަކަމާއި އަވަސްކަމާ އެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ކެމިކަލް އެތެރެކޮށް ގުދަންކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ކެމިކަލްގެ ރައްކާތެރިކަމާބެހޭ ގިނަ މައުލޫމާތުތަކެއް އެ ޑޭޓާބޭސް އިން އާންމުންނަށް ލިބޭނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެންސީއައިޓީ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެންސީއައިޓީގެ ފަރާތުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޝްމަލީ ވިދާޅުވީ، އެ ސިސްޓަމް ނިމުމުން އޮންލައިންކޮށް ހިދުމަތްތައް ހޯދުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އަދި ކެމިކަލް އެތެރެކުރުމުގެ ހުއްދަ ހޯދުމަށް އެހެން އޮފީސްތަކުން ނަގަންޖެހޭ ހުއްދަވެސް އެ ސިސްޓަމުން ލިބޭނެ ކަމަށެވެ.

އެ ސިސްޓަމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށްދޭ ހިދުމަތްތައް ޒަމާނީކޮށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ނެޝަނަލް އިންޓެގްރޭޓެޑް އީ-ގަވަންމަންޓް ފްރޭވޯކްގެ މައްޗަށް ބިނާކުރެވޭ އެންމެ ފުރަތަމަ ސިސްޓަމްތަކުގެ ތެރެއިން އެއް ސިސްޓަމަށް ވެގެންދާނެ ކަމަށް ވެސް އަޝްމަލީ ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެންސީއައިޓީ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"ނެޝަނަލް އިންޓެގްރޭޓެޑް އީ- ގަވަންމަންޓް ފްރޭމްވޯކަކީ ކުރުކޮށް ދަންނަވަނީނަމަ އެއް މައުލޫމާތުތަކެއް ހިއްސާކުރާ އެއް ސިސްޓަމް އަނެއް ސިއްޓަމާ ގުޅި ލާމެހިފައިވާ ނިޒާމެއް،" އަޝްމަލީ ވިދާޅުވި އެވެ.

އެ އެގްރީމެންޓްގައިވާ ގޮތުން ސޮއިކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި އެންސީއައިޓީ އިން އެ ސޮފްޓްވެއާ ތައްޔާރުކޮށް ނިންމާލާނެ އެވެ. އެ ސޮފްޓްވެއާ ތައްޔާރުކުރަނީ އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީގެ އެހީތެރިކަމާވެސް އެކުގައެވެ.