ދުއްވާފައި ދިޔަ ކޮންޓެއިނާ ލޮރީއަކުން ޖެހި، މަގުމަތީގައި ހުރި ހޮޅިދަނޑިއެއް ވެއްޓި، ހޮޅިދަނޑީގެ ދަށުވި އަންހެން މީހާގެ ހާލު ވަރަށް ދެރަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ސަން އަށް ވިދާޅުވީ އެ އަންހެން މީހާގެ ބޮލަށާއި މައިބަދައަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އެހެން ކަމުން އެ ހޮސްޕިޓަލުގެ އެމަޖެންސީގައި އެ މީހާ އަށް ފަރުވާ ދެމުންދާ ކަމަށެވެ.

"އޭނާގެ ހާލު ވަރަށް ދެރަ، ފަރުވާދެމުން ދަނީ. އޭނަގެ ބޮލަށާއި ދެން މައިބަދައަށް ގެއްލުންވެފައި ވަނީ." ޒީނަތު ވިދާޅުވި އެވެ.

ރޭ ހިނގި އެ ހާދިސާގައި އަނިޔާވި އަންހެން މީހާއަށް ރެ އިން ފެށިގެން ފަރުވާ ދެމުންދާއިރު މައުލުމާތު ލިބިފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ހެޔެއް ނެތެވެ. ޒަހަމްވި އަންހެން މީހާ އަކީ ސައިކަލެއްގައި ދުއްވާފައި ދިޔަ މީހެކެވެ. ދަގަނޑު ހޮޅިދަނޑިން ބޮލުގައި ޖެހި އޭނާއަށް ސީރިއަސް އަނިޔާތަކެއްވެފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.

އިއްޒިއްދޫންމަގުން ރޭ ކޮންޓެއިނާ ބަރުކޮށްގެން ދިޔަ ލޮރީން ހޮޅިދަނޑީގައި ޖެހި، އެ ހޮޅިދަނޑި ވެއްޓުމުން މަޑުނުކޮށް އެ ލޮރީ "ފިލާފައިވާ" ކަމަށް މަންޒަރުދުށް މީހުން ރޭ ބުނެފައިވާ އިރު ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ލޮރީގައި އިން ޑުރައިވަރަށް އެ ސަރަހައްދުން ދެވުނީ އެ ހާދިސާ ހިނގިކަން އޭނާ އަށް ނޭނގުމުން ކަމަށެވެ.

"އޭނަ ފިލައިގެން ދިޔައީއެއް ނޫން، އޭނާ އަށް ނޭނގުނީ އެއްޗެއް ޖެހުނު ކަމެއް. މިހާރު ތަހުގީގު ކުރަމުން ދަނީ." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.