15 Mar 2011, 13:03
ބައިނަލްއަގްވާމީ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ޖޫނިޔާ ޗެމްބާ އިންޓަނޭޝަނަލް (ޖޭސީއައި)ގެ ރާއްޖޭގެ ގޮފިން ކްރިއޭޓިވް ޔަންގް އެންޓަޕްރިނުއާ އެވޯޑެއް ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށް އެ ޖަމިއްޔާ އިން މިއަދު ބުނެފި އެވެ.
އެ ޖަމިއްޔާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އެ ޖަމިއްޔާގެ އައިޝަތު ތާނީ ވިދާޅުވީ ޔަންގް އެންޓަޕްރިނުއާ އެވޯޑަކީ ޖޭސީއައި އިންޓަނޭޝަލްގެ ފަރާތުން ކޮންމެ އަހަރަކު ވެސް ފާހަގަކޮށްލެވޭ އާދަޔާ ހިލާފް ތިން ޒުވާނަކަށް ދޭ އެވޯޑެއް ކަމަށެވެ. އަދި ޖޭސީއައި މޯލްޑިވްސް އިން ޔަންގް އިންޓަޕްރިނުއާ އެވޯޑަށް 10 މީހަކު ހޮވުމަށް ފަހު އެ ނަންތައް ޖޭސީއައި އިންޓަނޭޝަނަލް އިން ހޮވާ ޔަންގް އެންޓަޕްރިނުއާ އެވޯޑަށް ނޮމިނޭޓް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖޭސީއައި މޯލްޑިވްސް އިން ވަނީ އައުޓްސްޓޭންޑީން ޔަންގް ޕާސަންސް އެވޯޑް ވެސް މިދިޔަ އަހަރު ތައާރަފްކޮށްފައި ކަމަށެވެ. އަދި އެ އެވޯޑަށް މިދިޔަ އަހަރު ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ޑޮކްޓަރުން ފަދަ ބޭފުޅުން ވެސް މިދިޔަ އަހަރު އެ އެވޯޑަށް ކުރިމަތިލެއްވި ކަމަށެވެ. މިފަހަރު ތައާރަފް ކުރާ ޔަންގް އެންޓަޕްރިނުއާ އެވޯޑަށް ވެސް ބޮޑު ތަރުހީބެއް ލިބުމަށް އުއްމީދު ކުރާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.
އެ ބައްދަލުވުމަށް ޖޭސީއައިގެ ދުނިޔޭގެ ރައީސް ކެންޓާރޯ ހަރާޑާ ވެސް ވަޑައިގެންނެވި އެވެ. އެ ޖަމިއްޔާގެ ފަރާތުން ބުނީ އާންމުން ބާރުވެރިކޮށް ރައްކާތެރި ކުރުމަށްޓަކައި މަސައްކަތް ކުރާ އެ ޖަމިއްޔާގެ ރައީސް މާލޭގައި ހުންނަވާ ދުވަސްވަރު ތިން މިނިސްޓަރަކާ ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ބައްދަލު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.