އަންކަރާ (އޮގަސްޓް 30) : ތުރުކީގައި އަލުން އިންތިޚާބެއް ބާއްވަން ނިންމުމާ ގުޅިގެން އެގައުމުގެ ވަގުތީ ބޮޑުވަޒީރު އަހްމަދު ދާއޫދު އޮގްލޯ އެކުލަވާލެއްވި އިންތިގާލީ ސަރުކާރު، ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ތަސްދީގު ކުރައްވައިފި އެވެ.
ތުރުކީގެ ރިޔާސަތުން ބުނި ގޮތުގައި އުރުދުޣާން މިސަރުކާރު ތަސްދީގުކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު ވަގުތީ ބޮޑުވަޒީރު އަގްލޯއާ އެކު ބޭއްވި ދެ ގަޑީއިރުގެ މަޝްވަރާތަކަކަށްފަހުގަ އެވެ. މި އިންތިގާލީ ސަރުކާރަކީ ތުރުކީގައި އާންމު އިންތިޚާބެއް ބާއްވައިގެން އައު ސަރުކާރެއް އެކުލަވާލެވެންދެން އެގައުމުގައި ވެރިކަންކުރާނެ ސަރުކާރެވެ. މީގެ އިތުރުން އާންމު އިންތިޚާބު ބޭއްވުމުގެ ކަންތައް އިންތިޒާމުކުރާނީވެސް މިސަރުކާރުންނެވެ. ތުރުކީގައި އާންމު އިންތިޚާބު ބޭއްވުމަށް ރައީސް އުރުދުޣާން ނިންމަވާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 10 ގައެވެ.

ތުރުކީގެ ދަސްތޫރު ބުނާގޮތުން މިގޮތަށް އެކުލަވާލާ އިންތިގާލީ ސަރުކާރުތައް ތަސްދީގުކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ޕާލަމެންޓަކުންނޫނެވެ. މީގެއިތުރުން އިންތިގާލީ ސަރުކާރުގައި ޕާލަމެންޓްގައި ހިމެނޭ ޕާޓީތައް ޝާމިލްވާންޖެހޭނެ ކަމަށްވެސް ދަސްތޫރުބުނެއެވެ. ނަމަވެސް ތުރުކީގެ ޕާލަމެންޓްގައި ދެވަނައަށް އެންމެ ގިނަ ގޮނޑި ހިމެނޭ ޑިމޮކްރެޓިކް ޕާޓީއާއި ތިންވަނައަށް އެންމެ ގިނަ ގޮނޑި ހިމެނޭ ގައުމީ ޕާޓީންނަވަނީ މި އިންތިގާލީ ސަރުކާރުގައި ބައިވެރިވުމަށް ދެކޮޅު ހަދާފައެވެ. ނަމަވެސް އެއަށް ވުރެ ކުދި ޕާޓީތައް މި ސަރުކާރުގައި ބައިވެރިވެ އެވެ. ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، މިހާރުގެ ބޮޑުވަޒީރު އަހްމަދު ދާއޫދު އޮގްލޯއާ ހަވާލު ކުރައްވާފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ.

އޮގްލޯއަކީ ތުރުކީގައި މިހާތަނަށް ވެރިކަންކުރަމުން ގެންދާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ޒައީމެވެ. ރައީސް އުރުދުޣާން ވެސް ނިސްބަތްވަނީ މިޕާޓީއަށެވެ. މިދިޔަ ޖޫން މަހުގެ ފަހުކޮޅު ތުރުކީގައި ބޭއްވި އިންތިޚާބުގައި އުރުދުޣާންގެ ޖަސްޓިސް ޕާޓީ އެންމެ ކުރީގައި އޮތްނަމަވެސް އެޕާޓީއަށް ވަނީ ފުރަތަމަ ފަހަރަށް އެގައުމުގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު ގެއްލިފަ އެވެ. މިއާއެކު ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް އެޕާޓީން ކުރި މަސައްކަތްވަނީ ނާކާމިޔާބު ވެފަ އެވެ.

ތުރުކީގެ ގާނޫނު އަސާސީ ބުނާ ގޮތުން އިންތިޚާބުގެ ނަތީޖާ އިޢުލާންކުރާތާ ދެމަސް ނުވަނީސް އައު ސަރުކާރެއް އެކުލަވާލަންވާނެއެވެ. ނޫނީ އަލުން އާންމު އިންތިޚާބެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި އެކަން އިޢުލާން ކުރައްވަން ވާނެއެވެ. ފާއިތުވި ބާރަވަރަކަށް އަހަރުތެރޭގައި ތުރުކީގެ ސިޔާސީ މަސްރަހުގައި އެންމެ ބާރުގަދަ އަދި އެންމެ ބޮޑު ޕާޓީއަކީ މި މުއްދަތުގެ ތެރޭގައި އެގައުމުގައި ވެރިކަންކުރަމުން ގެންދިޔަ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީއެވެ. ނަމަވެސް އެޕާޓީގެ ތާއީދުވެސް ރައްޔިތުންގެ މެދުގައި ކުޑަވެގެންދިޔަކަން އެންމެފަހުން ބޭއްވި އާންމު އިންތިޚާބުންވަނީ ހާމަވެގެން ގޮސްފައެވެ. މިގޮތަށް ދިމާވީ އެޕާޓީގެ ޒައާމަތު އަހްމަދު ދާއޫދު އޮގްލޯއާ ހަވާލު ކުރެއްވުމަށް ފަހު ތުރުކީގެ ކުރީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ތުރުކީގެ ރައީސް ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތުމާ ގުޅިގެން ޕާޓީ ރަނގަޅަށް ނުހިންގި އަދި ކުރަންވާވަރަށް ކޭންޕޭން ނުކުރެވިގެން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ތުރުކީގައި ބާއްވާ އާންމު އިންތިޚާބުތަކުގައި އެއްވެސް ޕާޓީއަކަށް އަޣްލަބިއްޔަތު ނުލިބުމުގެ މައްސަލަ އެންމެފަހުން އެގައުމަށް ކުރިމަތިވީ 1990 ގެ އަހަރުތަކުގައެވެ. އެދުވަސްވަރު މިމައްސަލަ ބޮޑުވެ ތުރުކީގައި ކޯލިޝަން ސަރުކާރުތައް އުފައްދައި ކުރުމުއްދަތެއްގެ ތެރޭގައި އެ ސަރުކާރުތައް ރޫޅިގެން ދިޔުމުގެ ސަބަބުން ގައުމު ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓި ތަރައްގީގެ ހަރަކާތްތަކަށާއި ހިންގުމުގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރައިގެން ގޮސްފައިވެ އެވެ.

މިހާލަތު އަލުން ތަކުރާރުވުމުގެ ބިރު ތުރުކީއަށް މިހާރު ކުރިމަތިވެފައިވާއިރު ތުރުކީގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް އުރުދުޣާން ގެންގުޅުއްވާ ވިސްނުންފުޅުވެސްވަނީ އޭނާގެ ޕާޓީއަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބުމުން ތަންފީޒު ކުރެވޭނެ ގޮތް ނުވެފައެވެ.

ތުރުކީގެ އިދިކޮޅު ޕާޓީތައް ބުނާގޮތުން އުރުދުޣާން އަލުން އިންތިޚާބަކަށް ދިޔުމަށް ނިންމެވީ އެކަމުގެ ސަބަބުން އޭނާގެ ޕާޓީއަށް އަޣްލަބިއްޔަތު ލިބޭނެކަމުގެ ޔަގީންކަމާއެކުގައެވެ.

ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓި ކޯލިޝަން ސަރުކާރުތައް ރޫޅި އިރުއިރުކޮޅާ އިންތިޚާބުތައް ބާއްވަންޖެހުމަށްވުރެ އުރުދުޣާންގެ ޖަސްޓިސްޕާޓީއަށް އަލުން އަޣްލަބިއްޔަތު ދިނުން ރަނގަޅުވާނެތީ މިފަހަރުގެ އިންތިޚާބުގައި ތުރުކީގެ ރައްޔިތުން ޖަސްޓިސް ޕާޓީއަށް އަޣްލަބިއްޔަތު ދޭނެ ކަމަށް އިދިކޮޅު ޕާޓީތަކުން ދެކެއެވެ.
ޖަސްޓިސްޕާޓީއާއެކު ކޯލިޝަން ސަރުކާރެއް ހެދުމަށް އިދިކޮޅު ޕާޓީތަކުން އެއްބަސްނުވީ ޖަސްޓިސް ޕާޓީން ހުށަހެޅި ހަރުކަށި ޝަރުތުތަކުގެ ސަބަބުން ކަމަށާއި މިއީ އިންތިޚާބަކަށް ދިޔުމުގެ ފުރްސަތު ހޯދުމުގެ ގޮތުން ޖަސްޓިސް ޕާޓީން ގަސްދުގައި ކުރިކަމެއްކަމަށްވެސް އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ. (ނޫސްއެޖެންސީތައް)