30 Aug 2015, 10:12
އެތައް ހާސް ބަޔަކު ކުއާލަލަމްޕޫރުގެ މަގުތަކަށް އިއްޔެ ނުކުމުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ދެކޮޅަށް ކުރާ މުޒާހަރާ ދެ ވަނަ ދުވަހަށް ދަންމާލައިފި އެވެ.
ބޮޑުވަޒީރުގެ އެކައުންޓްގައި އައިނައި ތަނެއް ނޭނގި 600 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހުރުމުން، ފެއްޓި މުޒާހަރާއި އެތައް ސަތޭކަ ބަޔަކު ރޭ ނިދީ ކޭއެލްގެ މަގުތައް މަތީގަ އެވެ.
އެއްވެސް ގޯސް ކަމެެއް ކުރެއްވި ކަމަށް ނަޖީބު ދެކޮޅު ހައްދަވަ އެވެ. ދެ ދުވަހުގެ މުޒާހަރާ އިން ނަޖީބަށް ސިހުން ގެނުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އެވަރުން ނަޖީބު އިސްތިއުފާ ދެއްވަން ޖެހޭ ވަރަށް އާންމުންގެ ތާއީދު މަގުމަތީން ދެއްކޭވަރު ނުވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މުޒާހަރާގެ ބައިވެރިން --
ސަލަމާތީ ފިޔަވަޅުތައް ހުރީ ވަރުގަދަ އަށް އަޅައިފަ އެވެ. އަދި އެންޓި ރައިޓް ޓްރަކްތައް ވެސް ތައްޔާރީ ހާލަތަށް ވަނީ ގެނަސްފަ އެވެ. ފުރަތަމަ ދުވަސް ދިޔައީ އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ. އަދި މިއަދު މުޒާހަރާ ދަނީ ފެސްޓިވް މޫޑުގަ އެވެ.
މުޒާހަރާގައި ޕްރޯ ޑިމަކުރަސީ އޮގަނައިޒޭޝަން، "ބާސިހު" ބައިވެރިވުމުގެ ހުއްދަ ސިޓީގެ ރަސްމީ ފަރާތްތަކުން ވަނީ ނުދީފަ އެވެ. އެއީ 2012 ވަނަ އަހަރު ހިނގި ފަދަ، ކަރުނަ ގޭހާއި ފެން ހޮޅިން ހަމަލާދީ އާންމުން ވިއްސިވިހާލިކޮށްލާ ފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ޓަކަ އެވެ.
މުޒާހަރާ ކުރާ މީހުން ރީދޫ ޓީޝާޓު ލައިގެން ތިއްބަސް، ބާސިހު ވެބްސައިޓް ބަންދުކޮށް، ރީދޫ ޓީޝާޓް ލައިގެން ނުކުތުން ވަނީ މަނާކޮށްފަ އެވެ.
ހޮނިހިރު ދުވަހުގެ މުޒަހާރާގައި ބައިވެރިވުމަށް ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ނުކުމެވަޑައިގަތުމުން މުޒާހަރާ ކުރާ މީހުންނަށް ހިތްވަރު ލިބި، ނުކުތް މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

ބެރިކޭޑްތައް ޖަހައި މުޒާހަރާ އާ ދެކޮޅަށް ފުލުހުން ތައްޔާރުވެފައި --
ބާސިހުން ބުނީ 90 އަހަރުގެ މަހާތީރު ފާޅުގައި ނުކުންނަވައި މުޒާހަރާގައި ބައިވެރިވެވަޑައިގަތުމުން އިހްތިރާމު ކުރާ ކަމަށާއި އަދި ނަޖީބާ ދެކޮޅަށް ހިންގާ ހަރަކާތަށް ދިރުން ލިބިފައިވާ ކަމަށެވެ.
ދެ ހާސް ބާރަ ވަނަ އަހަރުގެ މުޒާހަރާ އާ ހިލާފަށް މި ފަހަރުގެ މުޒާހަރާގައި މެލޭ މީހުންނަށް ނިސްބަތްވާ ޕާޓީތަކުން ބައިވެރިއެއް ނުވެ އެވެ. އެއާ ހިލާފަށް ހޮނިހިރު ދުވަހުގެ މުޒާހަރާގައި ބައިވެރިވެފައި ވަނީ ޗައިނާގެ ދަރިކޮޅުގެ މީހުންނާއި އިންޑިއާ ނަސްލުގެ މީހުންނެވެ. ނަމަވެސް މާހަތިރަކީ މެލޭޝިޔާގައި ވެރިކަން ކުރަމުން އަންނަ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން (އަމްނޯ)ގެ ފަރާތުން މެލޭޝިޔާގައި ވަރަށް ގިނަ ދުވަހު ވެރިކަން ކުރެެއްވި ބޭފުޅެކެވެ. މައުލޫމާތު: ނިއުސް އެޖެންސީތައް