30 Aug 2015, 00:10
ދުއްވާފައި ދިޔަ ކޮންޓެއިނާ ލޮރީއަކުން ޖެހި، މަގުމަތީގައި ހުރި ހޮޅިދަނޑިއެއް ވެއްޓި، އޭގެ ދަށުވެ އަންހެނަކު ޒަހަމްވެއްޖެ އެވެ.
ޒަހަމްވި އަންހެން މީހާ އަކީ ސައިކަލެއްގައި ދުއްވާފައި ދިޔަ މީހެކެވެ. ދަގަނޑު ހޮޅިދަނޑިން ބޮލުގައި ޖެހި އޭނާއަށް ސީރިއަސް އަނިޔާތަކެއްވެފައިވާ ކަމަށް މަންޒަރު ދުއް މީހުން ބުންޏެވެ.
އެ ހާދިސާ ހިނގާފައި ވަނީ މާލޭ ދެކުނު ފަރާތު ހާބަރު ކަޑަތަކާއި ހައުސިން މިނިސްޓްރީއާ ދެމެދު އޮންނަ އިއްޒުއްދީން މަގުގަ އެވެ.

އަނިޔާވި އަންހެން މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. މައުލުމާތު ލިބިފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހެޔެއް ނެތެވެ.
ކޮންޓެއިނާ ބަރުކޮށްގެން ދިޔަ ލޮރީން ހޮޅިދަނޑީގައި ޖެހި، އެ ހޮޅިދަނޑި ވެއްޓުމުން މަޑުނުކޮށް އެ ލޮރީ "ފިލާފައިވާ" ކަމަށް މަންޒަރުދުއް މީހުން ބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިސްމާއިލް އަލީ ވިދާޅުވީ އެ ހާދިސާގެ ރިޕޯޓެއް ފުލުހުންނަށް އަދި ލިބިފައި ނުވާ ކަމަށެވެ.