ތަންމަށްޗަކީ ބިސްހުސްކުރި ފޮށިގަނޑެކެވެ. އުށްޑުން އެފޮށިގަނޑު މަތީ އޮށޯވެ އޮތްއިރު އޭނާގެ ބޮލާއި ބުރަކަށި ފިޔަވާ އެހެން ބައިތައް އޮތީ ހިރަފުސް މަގުމަތީގަ އެވެ. އުމުރުން 65 އަހަރުން މަތީ ބޭބެ އެ ފޮށިގަނޑު މަތީ އޮށޯވެލައިގެން އެ އޮތީ ނިދުމަށެވެ. ދަތުރުވެރިންގެ މާރުކޭޓު ޕޭމަންޓުމަތީ އޮށޯވެ އޮތް އެބޭބެގެ ތަންމަށްޗަކީއެއީ އެވެ. އަހަރެން އެބޭބެއާއި ކައިރިވެލާފައި މިތާތިއޮތީ ކީއްވެގެންތޯ ސުވާލުކޮށްލީމެވެ. ބޭބެ ދިނީ އަވަސް ޖަވާބެކެވެ.

"އަހަރެންނެތް އެކަށްޗެއްވެސް، ތިމާގެ މީހެއްވެސް، ދާނެ ތަނެއްވެސް،." މިއީ ބޭބެ އަހަންނަށްދިން ޖަވާބެވެ.

މަގުމަތީ ނިދަން އޮންނަ މީހަކު ސަން އަށް އިންޓަވިއޫ ދެނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ދަތުރުވެރިންގެ މާރުކޭޓޫ ކައިރި ޕޭމަންޓު މަތީ އާންމުކޮށް ނިދަން އޮންނަ އެ ބޭބެއަކީ ހދ. އަތޮޅަށް ނިސްބަތްވާ ދުވަސްވީ މީހެކެވެ. އޭނާ އެގޮތަށް އުޅޭ 14 ވަރަކަށް އަހަރުވެއްޖެ އެވެ. އޭނާ ބުނާ ގޮތުން އޭނާގެ ތިމާގެ މީހެއް، އަޅާލާނެ މީހެއް ނުހުރެ އެވެ. އުމުރުން 65 އަހަރަށް ވުރެ ގިނަ ދުވަސްވުމުން 5000 ރުފިޔާ ލިބޭއިރު ދެން އޭނާ އާމްދަނީ ހޯދަނީ ސަލާން ޖަހައިގެންނެވެ. ކައިއުޅެނީ ހޮޓަލުންނެވެ. ފެންވަރަނީ ޕޭ ޓޮއިލެޓްތަކުންނެވެ. ނިދަނީ މަގުމަތީގަ އެވެ. މިއީ އެ ދުވަސްވީ މީހާގެ ދިރިއުޅުން ހޭދަކުރާގޮތެވެ. އެފަދަ އެތައް ބަޔަކު އެބައުޅެ އެވެ.

"އަހަރެމެން ދާނެ އެހެން ތަނެއް ނެތީމާ މިތާ ތިބެނީ. އަހަރެންގެ ލާރިތައް ...[މީހަކު] އަތުލައިފި،" އެ މުސްކުޅި ބޭބެ ބުންޏެވެ.

ޕޭމަންޓުތަކާއި މާލޭގެ އެހެނިހެން އާންމު ސަރަހައްދުތަކުގައި މީހުން ނިދަންތިބުމަކީ ވަރަށް ޒަމާންވީ ކަމެކެވެ. އުމުރުން ދުވަސްވީ އެމީހާގެ އިތުރުން އެސަރަހައްދުގެ އެހެން ޕޭމަންޓެއްގެ މަތީ އަންހެނަކު ނިދަން އޮތެވެ. އެއަށްވުރެ މާދުރު ނޫން ބެންކް އޮފް މޯލްޑިވްސް ބާޒާރު ބުރާންޗް ދޮރުމަތީ އިތުރު ބަޔަކު ނިދަން ތިއްބެވެ. މަސްވެރިންގެ ޕާކުގެ ހޮޅުއަށި ތަކުގައި އިތުރު އެތައް ބަޔަކު ނިދަން ތިއްބެވެ. އެހެން ޕާކްތަކުގައި ހަދާފައިވާ ގޮނޑިތަކުގައި އިތުރު އެތައް ބަޔަކު ނިދަން ތިއްބެވެ. މިއީ ކޮންމެ ރެއަކު ދަންވަރު ފެންނަ މަންޒަރެކެެވެ. މަގުތަކާއި ހިތްއުފާ ކުރާ މާހައުލުތައް ދަންވުމުން އެ ވަނީ ތަންމަތިތަކަކަށްވެފަ އެވެ.

މަސްވެރިންގެ ޕާކްގައި ބަޔަކު ނިދާފައި-- ފޮޓޯ: ފައިރޫޒް

ވެރިރަށް މާލޭގެ މަގުތަކާއި ހިތްފަސޭހަ މައިދާންތަކުގައި ނިދަން ތިބޭ މީހުންނާއި ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި އޭގެ ތެރެއިން އެއް ބަޔަކީ އަޅާލާނެ މީހަކު ނެތް ކަމަށް ބުނެ ސަލާންޖަހަން އުޅޭ މީހުންނެވެ. އަނެއް ބަޔަކީ މަސްވެރިކަން ފަދަ މަސައްކަތްކޮށް އުޅޭ މީހުންނަށްވާއިރު މާލޭގެ ވަކި ގެއެއްގައި ނޫޅޭ މީހުންނެވެ. ދެން އުޅެނީ ބޯހިޔާވަހިކަމުގެ ދަތިކަން ހުރި މިންވަރުން ގެއަށް ނިދަން ދާން ބޭނުން ނުވާ މީހުންނެވެ. ދެން ތިބީ ވިޔާނުދާ އުޅުމުގެ ސަބަބުން މަގުމަތިވެފައިވާ މީހުންނެވެ.

އެގޮތަށް ނިދަން ތިއްބާ ފެނުމުން ކިތަންމެހާ ވެސް އަސަރުކުރެ އެވެ. ނަމަވެސް އެފަދަ ތަންތަނުގައި ނިދާ ފަރާތްތަކުގެ ވަނަވަރު ބަލާލުމުން ގިނަ ބައެއްގެ ފަރާތުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ނިދަން އޮންނަ މަންޒަރު ފެނުމުންވާ ހަމްދަރުދީއާއެކު އެމީހުންނަށް އެނޫން ގޮތެއް ނެތީބާއޭ ކުރެވޭ ސުވާލަށް ލިބޭ ނުކިއްސަރު ޖަވާބެކެވެ. އެއީ އެމީހުން މަޖުބޫރު ގޮތް ނޫން ކަމެވެ. ބައެއް މީހުން އެގޮތަށް ބޭނުންވެގެން އުޅެނީ ކަމެވެ.

މަގުމަތީ މީހުން ނިދުމާއި ގުޅޭގޮތުން ބާޒާރު މަތީ އުޅޭމީހަކު ސަން އަށް އިންޓަވިއޫ ދެނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

"އޭނާ [ނިދަން އޮތް ބޭބެ] އެކައުންޓުގައި މިހާރު ވެސް ހުންނާނެ ހަތަރު ލައްކަ ރުފިޔާ، އަޅުގަނޑު މީ އޭނާއަތުން މީހަކު އެލާރިގަނޑު ފޭރުނީމަ ޕޮލިހަށްގޮސް އެފައިސާ ހޯދައިދިން މީހެއް. އޭނާގެ ވިޔާނުދާ ކަމުން މިތާ އެއޮންނަނީ،" ނިދަން އޮތް މީހާއަށް އިޝާރާތްކޮށް ބާޒާރު މަތީ އުޅޭ ތ. އަތޮޅަށް ނިސްބަތްވާ މީހަކު ބުންޏެވެ.

އެއީ އެންމެ މީހެއްގެ ބަސް އެކަންޏެއް ނޫނެވެ. ނާސިރާ އަބްދުﷲ ވެސް ބުނެފައިވާ ގޮތުން މަގުތައްމަތީ ނިދައި ސަލާންޖަހަން އުޅޭ މީހުންގެ ތެރޭގައި މާލޭގައި ގޭގެ ހުރި އަދި އަތޮޅުތެރޭ މީހުން ނަމަވެސް ފޯރުންތެރި މީހުން ވެސް އުޅެއެވެ. އެއީ އެމީހުން ފައިސާ ހޯދަން ބޭނުންވާގޮތްވީމަ އެހެން އުޅެނީ އެވެ.

ޖެންޑާ މިނިސްޓްރީގެ އެކްޓިން ޑިރެކްޓަރު އަހުމަދު އިމާދު ވިދާޅުވީ ނިދަން ތިބޭ މީހުންގެ ތެރޭގައި ދިރިއުޅޭނެ ތަންތަން ވެސް ހުރި މީހުން ހިމެނޭ ކަމަށާއި އެމީހުން އެގޮތަށް މަގުތައް މަތީ ނިދައި އުޅެނީ އެމީހުންގެ އުފަލަކަށް ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ.

"ބޮޑަށް ފާހަގަ ކުރެވެނީ ބައެއް މީހުންނަކީ ބަރާބަރަށް ތަންތަން ވެސް ހުރޭ، ބައެއް މީހުންނަކީ ބަރާބަރަށް ލާރި ވެސް ލިބޭ މީހުން، ނަމަވެސް އެމީހުންގެ އުފަލަށްޓަކައި މަޖަލަށްޓަކައި. ބައެއް މީހުން އެންމެ އެދެވޭ ގޮތަށް އުޅޭ މީހުންނެއް ވެސް ނޫން. އެމީހުންނަށް ލިބޭ ހިތްހަމަ ޖެހުމަކަށް އެހެން މީހުންނާއެކު ރަނގަޅު ނޫން ކަންތައްތަކެއް ކުރުމާއި އެކަހަލަ ކަންތައްތަކެއް ފާހަގަ ކުރެވެނީ،" އިމާދު ވިދާޅުވި އެވެ.

ބާޒާރު މަތިން ވާހަކަ ދެއްކި މީހުންނާއި ޖެންޑާއިން ބުނާ ބަހާއި ފުލުހުންގެ ބަހާއިވެސް ދިމާވެ އެވެ. ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ ފުލުހުންނާއި ޖެންޑާއާ ގުޅިގެން ބެލިބެލުމުން އެނގުނު ގޮތުގައި އެގޮތަށް ނިދަން ތިބެނީ ހަމައެކަނި އާއިލާއިން އަޅާނުލައިގެން ނޫން ކަމަށާއި އެގޮތަށް ބައެއް މީހުން އުޅެނީ ފައިސާ ހޯދުމުގެ ބޭނުމުގައްޔާއި އެގޮތަށް އުޅެން ބޭނުންވެގެން ކަމަށެވެ.

ނަމަވެސް ކޮންމެ ގޮތަކުން ވިޔަސް ބަޔަކު އެހެން ނިދަން ތިބުމަކީ ބަލައިގަނެވޭނެ އަދި އެހެން އެކަން ވާންވެސް ޖެހޭނެ ކަމެއް ނޫނެވެ. އެފަދަ މީހުންނަށް އެދެވޭ ހައްލެއް ގެންނަންޖެހެ އެވެ. އެގޮތަށް މީހުން ނިދަން ތިބުމަކީ ވަރަށް އާންމު އަދި ވަރަށް ޒަމާންވީ ކަމެވެ. ރާއްޖެ ފަދަ ކުދި އާބާދީއެއް ހިމެނޭ ވެރިރަށަކުން މިފެންނަ މަންޒަރަށް ދާއިމީ ހައްލެއް ހޯދަން ޖެހެ އެވެ. މަގުތައްމަތީ ނިދަނީ ކީއްވެގެންތޯ ބަލައި އެދެވޭ ހައްލެއް ހޯދައިދެވެން ޖެހެ އެވެ.

ޖެންޑާގެ ޑިރެކްޓަރު އިމާދު ވިދާޅުވީ އެގޮތަށް ނިދަން ތިބުމަކީ މަނާ ކަމެއް ކަމަށްވާއިރު ކުރިއަށް އޮތްތަނުގައި އެއީ މަނާކަމެއްކަން އެންގުމަށް ބޯޑްތައް ހަރުކުރާނެ ކަމަށެވެ.

މަސްވެރިންގެ ޕާކްގައި ބަޔަކު ނިދާފައި-- ފޮޓޯ: ފައިރޫޒް

"އަޅުގަނޑުމެންނަށް ވަރަށް ފާހަގަވާ ކަމެއް. މޯލްޑިވްސް ޕޮލިސް ސާވިސްސާއި ގުޅިގެން މިހާރު ވަރަށް ގާތުން ބަލަމުން މިދަނީ، ހައްލު ކުރެވޭނެ ގޮތަކާއި ބެހޭ ގޮތުން މަޝްވަރާ ވެސް ކުރަމުން އެބަދޭ." އިމާދު ވިދާޅުވި އެވެ.

އެކަން ހުއްޓުވުމަށް ކުރާ މަސައްކަތާ ގުޅޭ ގޮތުން ފުލުހުންގެ އިމްފޮމޭޝަން އޮފިޝަލް އިސްމާއިލް އަލީ ވިދާޅުވީ އެފަދަ ފަރާތްތަކުގެ އާއިލާތަކާއި އެފަދަ މީހުންނާއި ވާހަކަ ދައްކައި އެކަން ހުއްޓުމަށް އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށް އެފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިފަދަ ކަންކަން ހުއްޓުވުމަށް ދުރާލާ ފިޔަވަޅުތައް އެޅެންއެބަޖެހެ އެވެ. އެމީހުން ނިދަން އޮންނަ ތަނުން ނަގާއިރު އޮންނާނެ އެހެން ތަނެއް ދަށްކަން ޖެހެ އެވެ. ވެރިރަށް މާލޭގެ މިއަގުބޮޑު ބޯހިޔާވަހިކަމުގެ ތެރެއިން އަތްފޯރާފަށަށް ނިދޭނެ ކަންކަން އަނަންއެބަޖެހެ އެވެ. މުސްކުޅިވީމަ 5000 ރުފިޔާ ދޭއިރު އެ ފައިސާއިން އެމީހުން ބަލަހައްޓާނެ ތަންތަން ގާއިމް ކުރެވެންޖެހެ އެވެ. އެހެން ނޫންނަމަ މަގުތަކަށް މީހުން އެގޮތަށް އޮތުން ގިނަވާނެ އެވެ.

އެތައް ބަޔަކު އެވަނީ މަގުމަތިވެފަ އެވެ. އެމީހުންގެ ތަންމައްޗަކަށް ހިތްފަސޭހަ މައިދާން ތަކާއި މަގުތައް އެވަނީވެފަ އެވެ. އެއީ ދިވެހިންނަށް ދޭންޖެހޭނެ ދަަރައެއް ނޫނެވެ. ނަމަވެސް ދެރައީ ދުވަސްވީ އެކަމަށް ހައްލެއް ނައުމެވެ. މިކަމަށް އަވަސް ހައްލެއް ބޭނުންވެ އެވެ.