15 Mar 2011, 11:24
ސަރުކާރުގެ މުއައްސަސާތަކަށް ބޭނުންވާ ތަކެތި ގަތުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް، ވަކި އިދާރާއެއްގެ ގޮތުގައި ސެންޓްރަލް ޕްރޮކިއުމެންޓް އޮފީހެއް ގާއިމުކުރުމަކީ ލާމަރުކަޒީ އުސޫލާ ހިލާފުކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޖޫން 17 ގައި ސެންޓްރަލް ޕްރޮކިއުމަންޓް އޮފީހެއް އުފައްދަވައި، އެތަނަކީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުމުގެ ސަބަބުން ފިނޭންސް މިނިސްޓްރީގެ މަސައްކަތުގެ ދާއިރާ އަށް އައިސްފައިވާ ބަދަލު މަޖިލީހުން ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އިދިކޮޅު ބައެއް މެންބަރުން ވިދާޅުވީ މިއީ ސަރުކާރުގެ މައްޗަށް އިތުރުބާރު ހޯދުމަށް ކުރިކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އޮފީސްތަކަށް ދަތިތައް ކުރިމަތިވެ، ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކަށް ދަތިވެދާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
ނަމަވެސް މިކަމަކީ ރަނގަޅަށް ރޭވިގެން ކުރެވޭ ކަމެއް ނަމަ އެކަމުގެ ފައިދާ ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
"މިކަމަކީ ސަރުކާރަށް އިތުރު ބާރު ނެގުމުގެ ގޮތުން ކުރާކަމެއް. ނަމަވެސް މިކަން ރަނގަޅު ގޮތުގައި ހިނގައިފި ނަމަ ފައިދާތަކެއް ލިބޭނެ. ނަމަވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިމެނޭ އޮފީސްތަކުގެ ކަންކަން މާލޭގައި ހުންނަ އެއް އިދާރާއަކުން ހަމަޖައްސާ ގޮތަށް ހެދުމަކީ އެކަމަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވެ އެ އޮފީސްތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް އިތުރު ތަކުލީފުތަކަކަށް ވެގެންހިނގައިދާނެ [ކަމެއް]،" އިދިކޮޅު މެންބަރު ކެލާ ދާއިރާގެ އަބުދުﷲ މައުސޫމު ވިދާޅުވި އެވެ.
ބައެއް އިދިކޮޅު މެންބަރުން ވިދާޅުވީ، ސަރުކާރުން ލާމަރުކަޒު ކުރުމުގެ ވާހަކަ ދައްކާ އިރު މި އޮފީސް ގާއިމް ކުރުމަކީ ލާމަރުކަޒީ އުސޫލާ ހިލާފުކަމެއް ކަމަށެވެ. އަދި އެއް އޮފީހެއްގެ ދަށަށް ސަރުކާރުގެ ހުރިހާ އޮފީހެއްގެ ބަޖެޓްގެ މަސައްކަތް ގެނައުމަށް ކުރާ މި މަސައްކަތަކީ ވަކި މީހަކަށް ފައިސާ ހޯދައި ދިނުމަށް ސަރުކާރުން ކުރާ ކަމެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
"މިއީ ރަނގަޅުކަމެއް ނޫން. މިއީ ވަކި މީހަކަށް ފައިސާތަކެއް ދިނުމަށް ކުރާ ކަމެއް. މިއުޅެނީ އެމްޑީޕީ ހިންގަން ފައިސާހޯދަން،" ގެމަނަފުށީ ދާއިރާގެ އިލްހާމް އަހްމަދު ވިދާޅުވި އެވެ.
ސަރުކާރަށް ނިސްބަތްވާ މެންބަރުން ވިދާޅުވީ، މިކަމަކީ ސަރުކާރުގެ ތެރެއިން ކޮރަޕްޝަނަށް ފުރުސަތު ނުދިނުމަށް ރައީސް ނަޝީދު އެޅުއްވި ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އޮފީސް އޮފީހުން އޮޅުވާލައިގެން އަގަށް ބަދަލު ގެނަސް، ތަކެތި ގަތުމަށް ހިންގާ ކޮރަޕްޝަންގެ މަސައްކަތް ހުއްޓިގެންދާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.