ފުރުގާނު މިސްކިތް ހަދަން ހަވާލުވި ވިމްލާ ކޮންސްޓްރަކްޝަނުން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާތީ އެއްބަސްވުން އެހެން ފަރާތަކާ މަސައްކަތް ހަވާލުކޮށްފި އެވެ.

ޖުމްލަ 20 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފުރުގާނު މިސްކިތް ހަދަން މީގެ ތިން އަހަރު ކުރިން ހަވާލުވި ވިމްލާގެ ކޮންޓްރެކްޓް ބާތިލުކޮށް 15 މަސް ދުވަހުގެ ތެރޭގައި ނިންމަން އަލުން މަސައްކަތް ހަވާލު ކުރީ މާރިސް ކޮންސްޓްރަކްޝަނާ އެވެ. އެއީ 19.5 ލިޔަން ރުފިޔާއަށެވެ.

ސަރުކާރުގެ ޕްލޭނިން ޑިޕާޓްމަންޓުން ބުނީ އާ އެގްރިމެންޓުގެ ދަށުން މާރިސް އިން ފުރުގާނު މިސްކިތުގައި ނުނިމި ހުރި 95 ޕަސެންޓް މަސައްކަތް 15 މަސް ދުވަހުގެ ތެރޭގައި ނިންމާ ސަރުކާރާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ.

އަމީނީ މަގުގައި ހުންނަ މިސްކިތުގެ މަސައްކަތާ ހަވާލުވުމަށްފަހު މާރިސް އިން ބުނެފައި ވަނީ މިސްކިތުގެ މަސައްކަތް ކުރިއަށް އޮތް 25 ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

މީގެ ކުރިން އެ މަސައްކަތް ހަވާލުކުރި ވިމްލާ ކޮންސްޓްރަކްޝަން އިން އެއްބަސްވި މުއްދަތުގައި އެ މަސައްކަތް ނުނިމުމުން ދެ ފަހަރެއްގެ މަތިން ވަނީ ސަރުކާރުން މުއްދަތު ވެސް އިތުރު ކޮށްފަ އެވެ. ފުރުގާން މިސްކިތް އެޅުމަށް ވިމްލާއިން ހެދި ފައުންޑޭޝަން ބްލޮކްތަކުގައި ފެހިޖަހައި ފެން ޓޭންކްތަކަކަށް ބަދަލުވެ އަދި މުޅި ގޯތި ތެރެ ވަނީ ވިނަވެފަ އެވެ. މާލެ ތެރެއަށް މަދިރި ފެތުރެމުންދަނީ އެތަނުން ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.