15 Mar 2011, 10:18
އިބްރާހީމް ރަޝީދު(ސަތޯ) އަށް މިއަދަކީ އެހެން ދުވަސްތަކާ މާބޮޑަށްވެސް ތަފާތު ދުވަހެކެވެ. ފަހަރެއްގައި މުޅި ރާއެްޖޭންވެސް އެންމެ ބޮޑަށް ވިސްނަން ޖެހިފައިވާ މީހަކަށް ސަތޯ ވެދާނެ އެވެ. އޭނާގެ ކުރިމަތީގައި އޮތީ ގައުމީ ފެންވަރުގެ ބޮޑު ދެ އިމްތިހާނެކެވެ.
އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ވިއެޓްނާމްގެ ސޮންގލަމް އާއި ދެކޮޅަށް ވީބީ ކުޅޭއިރު މެނޭޖަރުގެ ބޮޑު މަސްއޫލިއްޔަތާ ހަވާލުވެގެން އިންނާނީ ސަތޯ އެވެ. އަނެއްކޮޅުން އެމެޗު ނިންމާފައި ރަނގަޅަށް ނޭވާވެސް ނުލާ ސަތޯ ދުއްވައިގަންނަން ޖެހޭނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލަށެވެ. ފަހަރެއްގައިވެސް މެޗެއް ބަލާލާކަށް ނޫނެވެ. ވީއޭއެމް ޕްރެޒިޑެންޓްސްކަޕް އަންހެނުންގެ ވޮލީ މުބާރާތުގެ ފައިނަލުގައި ގަދަފަދަ ޕޮލިހާ ދެކޮޅަށް ނުކުންނާނީ ސަތޯގެ ކޯޗުކަމުގައި ނިލަންދޫ ޔޫތު ލިންކޭޖް(ނީލް) އެވެ.
މިދިޔަ އަހަރުވެސް ހަވީރާއި ރޭގަނޑު ސަތޯ ވަނީ މިކަން ތަޖުރިބާކޮށްފައެވެ. ނަމަވެސް މިފަދަ ބޮޑު ދެ ކަމެއް އެއްދުވަހެއްގައި ކުރިމަތިވެފައެއް ނުވެއެވެ. އެހެންކަމުން މިއަދަކީ ހުރިހާ ގޮތަކުންވެސް ތަފާތު ދުވަހެކެވެ.
ސަތޯ ބުނީ މިއަދަކީ ކުޅިވަރު ހަޔާތުގައި އޭނާ އެންމެ ބޮޑަށް ވިސްނަން ޖެހިފައިވާ ދުވަސް ކަމަށެވެ. "ލައްކަ ދުވަސްވެއްޖެ މިކަމުގައި އުޅޭތާ. އެކަމަކު މިވަރުގެ ވަރުގަދަ ދެމެޗެއް އަދި އެއްދުވަހެއްގައި ލައްވައެއް ނުލާ" ސަތޯ ބުންޏެވެ.
ހާއްސަކޮށް ވޮލީގައި ސަތޯ ވިސްނަން ޖެހިފައިވާ ވިސްނުން ބޮޑެވެ. އެންމެ ފަހުން ކުޅެވުނު އަންހެނުންގެ ދެ ފައިނަލުގައިވެސް ސަތޯ ވަނީ ޕޮލިހާ ދެކޮޅަށް ވާދަކޮށް ބަލިވެފައެވެ. އެސޯސިއޭޝަންކަޕްގެ ފައިނަލުގައި ޕޮލިސް އަތުން ބަލިވީ ސަތޯ ކޯޗަކަށް ހުރި އެމް އެން ޑީ އެފެވެ. މިދިޔަ ޤައުމީ އަންހެން ވޮލީ މުބާރާތުގެ ފައިނަލުގައި ޕޮލިސް އަތުން ބަލިވީ ހަމަ ނީލް އެވެ. ނިލަންދޫގައި ބޭއްވި އެ މުބާރާތުގެ ކޯޗަކަށް ނީލްގައި ހުރީވެސް ހަމަ ސަތޯ އެވެ. އެހެންކަމުން ޖެހިޖެހިގެން 3 ފައިނަލުން ބަލިވުމަކީ ސަތޯ ފަދަ ގޮތްދޫނުކުރާ ކޯޗަކަށް ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.
ހާއްސަކޮށް މިފަހަރުގެ މުބާރާތުގެ ލީގު ބުރުގައި ޕޮލިހާ ވާދަކޮށް އެންމެ ފުރިހަމަ ވާދައެއް ނީލްެއިން ކޮށްފައިވުމުން ސަތޯގެ އުއްމީދުތައް ވަނީ އާ ވެފައެވެ. ނަމަވެސް ސަތޯގެ ބޮޑު ބޮލުގައި ރިހުމެއްވެސް އެބއަޮތެވެ. އެއީ ޓީމުގެ މުހިއްމު ކުޅުންތެރިޔާ އައިޝަތު ޝައްފައަށް އަނިޔާވެ 6 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިފައިވުމެވެ.
ސަތޯ ބުނީ މިވަގުތަށް އެންމެ ބޮޑަށް ވިސްނަނީ ހަވީރުގެ ފުޓްބޯޅަ މެޗަށް ކަމަށާއި އެމެޗު ނިމުމާއެކު ވޮލީއަށް ހުރިހާ ޚިޔާލެއް ދޫކޮށްލާނެ ކަމަށެވެ.