ރާއްޖޭގެ ރިޒޯޓު ހޮޓާ، ސަފާރީތަކާއި އަދި ގެސްޓު ހައުސްތަކުގެ އެނދު ބޭނުން ކޮށްފައިވާ މިންވަރު މިއަހަރުގެ ފުރަތަމަ މަހު 60000 ވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު ފެށިއިރު ރާއްޖޭގެ 98 ރިޒޯޓުގައި 21342 އެނދު ރަޖިސްޓްރީކޮށްފައިވެ އެވެ. އޭގެ ތެރެއިން 83 ރިޒޯޓުގައި، 20512 އެނދު އެވްރެޖް ގޮތެއްގައި އޮޕަރޭޓް ކޮށްފައިވާއިރު ރިޒޯޓު، ހޮޓާ، ގެސްޓް ހައުސް، އަދި ސަފާރީ އުޅަނދުތަކުގައި ޖުމްލަ 612000 އަށްވުރެން ގިނަ ރޭ ފަތުރުވެރިން ހޭދަކޮށްފައިވެ އެވެ.

އެގޮތުން މިއަހަރު ފެށުނުއިރު ރިޒޯޓުތަކުގެ އެނދުގެ 93.5 ޕަސެންޓް އޮޕަރޭޓް ކޮށްފައިވެ އެވެ. އަދި ހޮޓާތަކުގެ އެނދު ބޭނުން ކޮށްފަިއވަނީ 45.1 ޕަސެންޓް އެވެ. ގެސްޓު ހައުސްތަކުގެ 17.2 ޕަސެންޓް އެނދު އޮޕަރޭޓް ކޮށްފައިވާއިރު ސަފާރީ އުޅަނދުތަކުގެ 28.2 ޕަސެންޓް އެނދު ޖެނުއަރީ މަހުގެ ތެރޭ ވަނީ ބޭނުން ކޮށްފަ އެވެ.

ނަމަވެސް މިއަހަރުގެ މިހާތަނަށް އެވްރެޖް ގޮތެއްގައި ރާއްޖޭގައި ޓޫރިސްޓުން ހޭދަކޮށްފައިވާ ދުވަހުގެ އަދަދު ވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު 0.5 ޕަސެންޓް ދަށްވެފަ އެވެ. ޓޫރިޒަމާ ބެހޭ ވުޒާރާއިން ބުނީ އެ އަދަދު ދަށަށް ދިޔައީ ފާއިތުވި އަހަރުގެ ފަހުކޮޅު ޔޫރަޕްގެ ޤައުމުތަކަށާއި ވިލާތުގެ ބައެއް ޤައުމުތަކަށް ކުރިމަތި ސްނޯގެ ތޫފާންތަކާއި ގުޅިގެންކަމަށެވެ.