ޓެކްސަސް، އެމެރިކާ -(އޯގަސްޓް 28) އެމެރިކާގެ ޓެކްސްސަސްގެ ހެރިސް ކައުންޓީގެ ޝެރިފުގެ ޑެޕިއުޓީއަކު ކާރަށް ޕެޓްރޯލް އަޅަން ހުއްޓައި ފުރަގަހުން ގަޔަށް ބަޑިޖަހައި ހުކުރު ދުވަހުގެ ރޭ މަރާލައިފި އެވެ.

ޑެޕިއުޓީ މަރާލި އިރު އޭނާ ހުރީ ފުލުހުންގެ ފުލް ޔުނީފޯމްގައި ހުއްޓައި ކަމަށް ހެރިސް ކައުންޓީގެ ފުލުހުންގެ ތަރުޖަމާން ވިދާޅުވި އެވެ. އަދި އޭނާ ވަނީ ވަގުތުން މަރުވެފަ އެވެ.

ފުލުހުންގެ ތަރުޖަމާން ވިދާޅުވީ ޝެރިފްގެ ޑެޕިއުޓީގެ ގަޔަށް ބަޑިޖަހައި މަރާލިކަން ފުލުހުންނަށް ގުޅައި ރިޕޯޓް ކުރީ އެ މަންޒަރު ލޮލުން ފެނުނު މީހެއް ކަމަށެވެ.

އެ ޑެޕިއުޓީއަކީ 10 އަހަރުވަންދެން ފުލުހުންގެ ތެރޭގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ފުލުހެއް ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅޭ މައުލޫމާތު އެނގޭ މީހަކު އެންގުމަށް އެދޭ ކަމަށެވެ.