މޮސްކޯ (އޮގަސްޓް 29): މިރޭގެ ހަނދު އާދަޔާ ޚިލާފު ބޮޑުމިނެއްގައި އަދި އާންމުކޮށް ފެންނަވަރަށްވުރެ އަލިގަދަކޮށް (ސުޕަ މޫން ގެ ގޮތުގައި) ފެންނާނެ ކަމަށް ފަލަކީ ދިރާސާތަކާބެހޭ ރަޝިޔާގެ ސައެންސްވެރިން ބުނެފިއެވެ.

މިރޭ ހަނދު ބޮޑުކޮށް ފެންނާނީ ހަނދުގެ ސައިޒަށް ބަދަލު އައިއެސްގެން ނޫންކަމަށާއި ނަމަވެސް ދުނިޔޭގެ ސަތަހާއި ހަނދާ ދެމެދުގައިވާ ދުރުމިނަށް ބޮޑު ބަދަލެއް އައިސް އާންމުކޮށް ހުންނަ ވަރަށްވުރެ 12 ހާސް މޭލު ދުނިޔެއާ ގާތަށް ހަނދު ޖެހިފައިވާތީ ކަމަށް ސައެންސްވެރިން ބުނެއެވެ.

އާދައިގެ ހަނދާއި ބޮޑު ހަނދު

ހަނދާއި ދުނިޔޭގެ ބިމާދެމެދުގައިވާ ދުރުމިނަކީ ދެލައްކަ ތިރީސް އަށްހާސް މޭލު ކަމަށްވިޔަސް މިއީ އަބަދު އެއްވަރެއްގައި ހުންނަ ދުރުމިނެއްނޫނެވެ.

ހަނދު ދުނިޔޭގެ ވަށައިގެން ބިސްބުރެއްގެ ސިފައިގައިވާ އޯބިޓެއްގައި ދަތުރުކުރަމުންދާއިރު ބައެއް ދުވަސްވަރަކަށް ދުނިޔޭގެ ބިމާ ގާތްވެ އަނެއްބައި ދުވަސްވަރަކަށް ދުނިޔެއާ ދުރުވެއެވެ. ދުނިޔެއާ ދުރުވާދުވަސްވަރު ހަނދު ފެންނާނީ ކުޑަކޮށެވެ. އަދި ދުނިޔެއާ ގާތްވާދުވަސްވަރު ހަނދު ފެންނާނީ ބޮޑުކޮށެވެ. ސުޕަ މޫން ގެ ގޮތުގައި ހަނދު ފެންނައިރު ހަނދު އާންމުކޮށް ހުންނަވަރަށްބުރެ 12 ހާސް މޭލު ދުނިޔޭގެ ބިމާގާތްވާނެއެވެ.

ބޮޑު ހަނދެއް

މިރޭގެ ހަނދަކީ ސުޕަ މޫން ގެ ހަނދެއްގެ ގޮތުގައި ރަޝިޔާގެ ސައެންސްވެރިންވަނީ ސިފަކޮށްފައެވެ. މިރޭ ފެެންނަ ހަނދު އާންމުކޮށް ފެންނަވަރަށްވުރެ އަލިގަދަވާނެ ކަމަށްވެސް ސައެންސްވެރިން ބުނެއެވެ. (އާރުޓީ ޑޮޓްކޮމް)