ފިލިޕީންސްގައި ޓްރޭނިން ކޭމްޕް ކުރިއަށްގެންދާ ގައުމީ ޓީމް ފިލިޕީންސްގެ ގައުމީ ޓީމާ ދެކޮޅަށް ކުޅޭ ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗްގެ ކުރިން ކެޕްޓަން ޢަލީ އަޝްފާޤް (ދަގަނޑޭ) ޓީމާ ގުޅޭނެ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމްއިން ދަގަނޑޭއަށް އެ ހުއްދަ ދިނީ އޭނާ ކުޅެމުންގެންދާ މެލޭޝިއާގެ ޕީޑިއާރްއެމްއާއެކު މެލޭޝިއާގެ ސުޕަ ލީގްގައި ކައިރިކައިރީގައި ގިނަ މެޗްތަކެއް ކުޅެން ޖެހުމުން ދަގަނޑޭއަށް ރެސްޓެއް ބޭނުންވާތީކަމަށެވެ.

އަދި މިވަގުތު އޭނާގެ މުހިންމު ބައެއް ކަންކަން ނިންމަންޖެހޭތީ އެކަމަށް ވަގުތު ދިނުމުގެ ގޮތުންކަމަށެވެ.

ޓްރޭނިންގ ކޭމްޕްގައި ބައިވެރިވުމަށް ދަގަނޑޭ ޓީމާ ގުޅުމަށްޓަކައި ފިލިޕީންސަށް ދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.

ފިލިޕީންސްގެ ގައުމީ ޓީމާ ދެކޮޅަށް ކުޅޭ މެޗް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

ފިލިޕީންސްގައި މިވަގުތު ޓްރޭނިން ކޭމްކުރިއަށް ގެންދާ ރާއްޖޭގެ ޓީމުން މިއަދު އެގައުމުގެ އެއް ވަނަ ޑިވިޝަންގެ ކުލަބެއް ކަމަށްވާ ސްޓެލިއޯން އެފްސީއާ ދެކޮޅަށް ކުޅޭނެއެވެ.