މަނާމާ : ބަހުރައިންގެ ވިރާސީ ރަސްކަމުގެ ނިޒާމާ ދެކޮޅަށް އެޤައުމުގެ ރައްޔިތުން ކުރަމުންގެންދާ މުޒާހަރާތަކާއި އިހްތިޖާޖްތަކަށް މަސްދުވަސްވާން ގާތްވެފައިވަނިކޮށް ސައޫދީ އަރަބިޔާގެ ސިފައިންގެ ބާރެއް އެޤައުމަށް ފޮނުވައިިފި އެވެ.

މިބާރުގައި ހާހަކަށްވުރެ ގިނަ ސަޢޫދީ ސިފައިން ހިމެނޭ ކަމަށް ޚަބަރުތައް ބުނެއެވެ. ބަޙްރައިންގެ ސަރުކާރުންވަނީ ސަޢުދީ ބާރަކާއި ޔުނައިޓޭޑް އަރަބް އިމަރޭޓްސްގެ ބާރެއް އެޤައުމަށް ދިޔަކަން ކަށަވަރުކޮށްދީފައެވެ.

ގަލްފުގެ މިބާރުތަކުގެ ބޭނުމަކީ ބަހްރައިންގައި އަމްނު ޤާއިމްކުރުމުގައި ބަޙްރައިން ސަރުކާރަށް އެހީތެރިވެދިނުން ކަމަށް އެޤައުމުން ބުނެއެވެ. ބަޙްރައިންގެ ރައްޔިތުން ބޭނުންވަނީ އެޤައުމަށް ދިމުޤްރާތީ އިސްލާހްތައް ގެނަސް ވެރިކަމުގެ ނިޒާމް ރައްޔިތުންގެ އަތްމައްޗަށް ގެނައުމަށެވެ.

މިކަމަށްޓަކައި އިނގިރޭސިވިލާތްފަދަ ބަރުލަމާނީ ޑިމޮކްރަސީއެއް އޮންނަ ދަސްތޫރީ ރަސްކަމަކަށް އެޤައުމުގެ ނިޒާމް ބަދަލުކޮށް ރަސްގެފާނަކީ ހަމައެކަނި ރަމްޒީ ޝަޚްސިއްޔަތަކަށް ހެދުމަށް އެޤައުމުގެ ރައްޔިތުންނާއި އދިކޮޅު ފަރާތްތަކުން ގެންދަނީ ސުލްޙަވެރިކަމާއެކު މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ބަޙްރައިން ސަރުކާރުން ގެންދަނީ އެކިއެކިި ބަހަނާތައް ދައްކައިގެން އިސްލާޙްތައް ގެނައުމަށް ފަސްޖެހި ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރަމުންނެވެ. ގަލްފުގެ ޤައުމަކަށް ދިމުޤްރާތީ އިސްލާޙެއް އައިސް ރަސްކަމުގެ ނިޒާމް ހަމައެކަނި ރަމްޒީ ކަމަކަށް ބަދަލުވަމަކީ ސަޢޫދީ އަރަބިޔާ ވަރަށް ކަންބޮޑުވާ ކަމެއްކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ބަހްރައިންއަށް ސަޢޫދީ ލަޝްކަރެއް ފޮނުވުމުގެ ބޭނުމަކީ ބަޙްރައިންގެ ވިރާސީ ރަސްކަން ޙިމާޔަތްކުރުން ކަމަށް ވެސް މިފަރާތްތަކުން ދެކެއެވެ. -- ނޫސްއެޖެންސީތައް