ޖަޕާނުގެ ފޮރިން މިނިސްޓަރު ފޫމިއޯ ކިޝީޑާ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ ދައުވަތު ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ދެއްވައިފިއެވެ.

ޖަޕާން ފޮރިން މިނިސްޓަރަށް އެ ދައުވަތު ދެއްވަފައި ވަނީ ޖަޕާނުގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ބައްދަލުކުރެއްވުމުގައި ދުންޔާ ވަނީ ޖަޕާނުން ދެއްވި ހޫނު ތަރުހީބަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރާއްޖޭން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު އަހުމަދު ޚަލީލް އަދި ޖޮއިންޓް ސެކެއްޓަރީ އައިޝަތު އަޒީމާ ބައިވެރިވެވަޑައިގެންނެވިއެވެ.

ފޮރިން މިނިސްޓަރު ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ޖަޕާނުގައި އޮންނަ 'ހޯޕް ފޮރ ވިމެން' ކޮންފަރެންސްގައި ބައިވެރިވެވަޑައިގުތަށް ކުރައްވާ ދަތުރުފުޅެކެވެ.