15 Mar 2011, 09:05
ނިޔުޔޯކް : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ނިޒާމް ބަލިކޮށްލުމަށްޓަކައި ލީބިޔާގެ ޖައްވުގައި އުދުހުންމަނާ ސަރަޙައްދެއް ޤާއިމްކުރުމާބެހޭ މަޝްވަރާތައް އދ. ގެ ސަލާމަތީ މަޖިލީހުގައި މިއަދު ބޭއްވުމަށް ހަމަޖެހިއްޖެވެ.
ޑިޕްލޮމޭޓުން ވިދާޅުވާ ގޮތުގައި ލީބިޔާގެ ޖައްވުގައި އުދުހުން މަނާކުރާ ސަރަޙައްދެއް ޤާއިމްކުރުމަށް އެމެރިކާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތް މިހާރު އެއްބަސްވެއެވެ. މިކަމަށް ތަރްޙީބު ނުދެނީ ރަޝިޔާއާއި ޗައިނާއެވެ.
ނަމަވެސް ގައްޒާފީގެ ނިޒާމާދެކޮޅަށް އުދުހުންމަނާ ސަރަޙައްދެއް ޤާއިމްކުރުމަށް ޢަރަބި ލީގުން އެދެމުންދާތީ ރަޝިޔާއާއި ޗައިނާ މިހާރުވަނީ މިކަމާދެކޮޅު ހެދިނަމަވެސް ސަލާމަތީ މަޖިލީހުގައި ވީޓޯ ނުކުރާނެކަމުގެ އިޝާރާތެއްދީފައި ކަމަށް އދ. ގެ ދާއިރާތަކުން ބުނެއެވެ.
އދ. ގެ ޗާޓަރުގެ 7 ވަނަ ޗެޕްޓަރުގެ ދަށުން ލީބިޔާގެ ޖައްވުގައި އުދުހުން މަނާސަރަޙައްދެއް ޤާއިމްކުރުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފިނަމަ، ގައްޒާފީގެ އަތްދަށުން މިނިވަންވެފައިވާ ލީބިޔާގެ ރަށްތަކަށް ވައިގެ މަގުން ބޮންއެޅުމުގެ ފުރްސަތު ގައްޒާފީގެ ބާރުތަކަށް ގެއްލިގެންދާނެއެވެ.
މިފަދަ ޙާލަތެއްގައި އެއްގަމުމަގުންގޮސް ގައްޒާފީގެ ބާރުތައް ބަލިކޮށް ގައްޒާފީގެ ވެރިކަން ވައްޓާލުމަކީ ލީބިޔާގެ އިދިކޮޅު ފަރާތްތަކަށް ކުރެވިދާނެ ކަމެއްކަމަށް ޢަސްކަރީ ތަޖްރިބާކާރުން ދެކެވަޑައިގަންނަވައެވެ. ގައްޒާފީގެ ބާރުތަކުން ވޭތުވެދިޔަ ދެދުވަހުގެ ތެރޭގައިވަނީ އިދިކޮޅު ފަރާތްތަކުގެ ދަށުގައިވާ ދެރަށަކަށް ބޮންއަޅައިގެން އަލުން އެދެރަށް ހިފާފައެވެ.
ވައިގެ މަގުން ގަައްޒާފީގެ ބާރުތައް ޙިސާރު ކުރިނަމަވެސް ލީބިޔާއަށް ބޭރުގެ އެއްވެސް ބާރެއް އެއްގަމު މަގުންނާއި ކަނޑުގެ މަގުން ވަނުމަކީ ލީބިޔާގެ އިދިކޮޅު ފަރާތްތަކާއި ޢަރަބިންނާ އަދި އިސްލާމީ ޤައުމުތައްވެސް ދެކޮޅުހަދާ ކަމެކެވެ.
އެއްގަމު މަގުން ޢިރާޤަށާއި އަފްޣާނިސްތާނަށް އެމެެރިކާއާއި ހުޅަނގުގެ ބާރުތައް އަރައިގެނެގެން އެބާރުތަކަށްވަނީ ތާލިބާނުންފަދަ ޢަސްކަރީ ގޮތުން ބަލިކަށި ޖަމާއަތްތަކުގެ އަތްދަށުންވެސް ވަރަށް ހިތި ތަޖްރިބާތަކެއް ކުރަންޖެހިފައެވެ.
އެހެންކަމުން ލީބިޔާފަދަ ބިންބޮޑު ޤައުމަކަށް އަރައިގަތުމަކީ އެމެރިކާއާއި ހުޅަނގުގެ ބާރުތައް ވަރަށް ބޮޑަށް ޖެހިލުންވާކަމެއް ކަމަށް މުރާސިލުން ބުނެއެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް