އިސްލާމް އާބާދު (އޮގަސްޓް 28) : ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރު ކުރުމުގެ އަމުރެއް އެގައުމުގެ ކޯޓަކުން ނެރެފި އެވެ.

ޕާކިސްތާނުގެ ކޯޓުން އިއްޔެ ނެރުނު އަމުރެއްގައިވަނީ ގީލާނީ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމަށާއި އޭނާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ހައްޔަރުގައި ބަހައްޓައިގެން އިތުރަށް ތަހްގީގު ކުރުމަށެވެ. ޕާކިސްތާނުގެ ކޯޓުގެ މިއަމުރު ރައްދުވަނީ އެގައުމުގެ ތަހްގީގްތަކާ ބެހޭ ފެޑްރަލް އިދާރާ އަށެވެ. ޖީލާނީ އަކީ ޕާކިސްތާނުގެ އެންމެ ބޮޑު އެއްޕާޓީކަމަށްވާ ޕީޕަލްްސް ޕާޓީގެ އިސް ބޭފުޅެކެވެ. އޭނާ ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރައްވާފައިވަނީ 2008 ން 2013 އަށެވެ.

ގީލާނީގެ އިތުރުން އޭނާގެ ބޮޑުވަޒީރުކަމުގައި ވިޔަފާރިއާ ބެހޭ ވަޒީރަކަށް ހުންނެވި މަޚްދޫމް އަމީން ފަހީމް ހައްޔަރުކޮށްގެން އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތަހްގީގް ކުރުމަށް ވެސް ޕާކިސްތާނުގެ ކޯޓުން އެގައުމުގެ ތަހްގީގްތަކާ ބެހޭ ފެޑްރަލް އިދާރާގެ މައްޗަށް ކޮށްފައިވެ އެވެ. މިއަމުރުގައި މިދެބޭފުޅުން ހައްޔަރުކޮށްގެން އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ކޯޓަށް ޙާޒިރު ކުރުމަށް ވެސް ގޮވާލާފައިވެ އެވެ. އެކިކަންކަމުގައި ގީލާނީގެ މައްޗަށް 24 ތުހުމަތެއް ކުރެވިފައިވެ އެވެ. އަދި މިމައްސަލަތަކަށް ޖަވާބު ދާރީ ވެވަޑައިގަތުމަށް ކޯޓުން އޭނާއަށް އަމުުރުކޮށްފައިވެ އެވެ. ނަމަވެސް އޭނާ ގައުމުން ބޭރުގައި އުޅުއްވާތީ ކޯޓަށް ޙާޒިރުވެ ވަޑައިގެންފައެއް ނުވެއެވެ.

ގީލާނީ އުޅުއްވަނީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ލަންޑަން ގައެވެ. (ރޮއިޓާސް)