15 Mar 2011, 01:03
ލ. މާބައިދޫ ރަށު ކައުންސިލް އޮފީހުގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާބައިދޫ ރަށު ކައުންސިލް އޮފީހުގެ ތިޖޫރީ ފަޅާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ކަމަށެވެ. އެހެންނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މައްސަލަ އާ ގުޅިގެން ފުލުހުން ވަނީ ލ. މާބައިދޫ ދަކަނދާ މާގޭ، ހަސަން ރަޝީދު ހައްޔަރު ކޮށްފަ އެވެ.
އަދި އޭނާ އަކީ މީގެ ކުރިން ވެސް އެ ރަށު އޮފީހުގެ ތިޖޫރީ ފަޅާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހެކެވެ. އަދި މިފަހަރު އެ ރަށު ކައުންސިލް އޮފީހުގެ ތިޖޫރީ ފަޅާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި މި ވަނީ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުއްޓައި އެ ތިން އަހަރު ރައީސް މާފު ކޮށްދެއްވައިފައި ވަނިކޮށެވެ.