28 Aug 2015, 14:20
އިދިކޮޅު އެމްޑީޕީގައި އޮތް "ސިހުރަކީ" ސަރުކާރަށް ކޮނެގެން ނެގޭނެ ސިހުރެއް ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އެ ޕާޓީގެ ތެރޭގައި އޮތް "ސިހުރަށް ކިޔަނީ ރައްޔިތުންގެ ހިތްވަރާއި އަޒުމް" ކަމަށެވެ. އަދި އެއީ ބާތިލް ކުރެވޭނެ ސިހުރެއް ނޫން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނބުރާ ޖަލަށް ގެންގޮސްފައި ވަނީ އެމްޑީޕީގެ އާންމު މެމްބަރުން ނާއުންމީދު ކުރުމަށް ކަމަށާއި އެކަން ވެދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރުމަކީ ކުށްހީއެއް ކަމަށެވެ.
"އެމަނިކުފާނު މިއަދު އެ އޮންނެވީ ޖަލުގައި. އެ ޖަލުގައި ހޭދަކުރައްވާ ކޮންމެ ސިކުންތެއް، ކޮންމެ މިނިޓެއް، ކޮންމެ ގަޑިއެއް، ކޮންމެ ދުވަހެއް އެ ހޭދަކުރައްވަނީ ދިވެހި ރައްޔިތުންގެ ހައްގުގައި،" ޝާހިދު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އަދިވެސް ތިބީ ރައީސް ނަޝީދާ އެކު ކަމަށެވެ. އެމަނިކުފާނު ޖަލުގައި ހުންނެވިޔަސް އެމްޑީޕީދާނީ ކުރިއަށް ކަމުގައި ޝިފާ ވިދާޅުވި އެވެ.