15 Mar 2011, 00:53
ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށިފަހުން އެންމެ ބޮޑު ގޮންޖެހުންތަކެއް އަންނަމުންދިޔަ އެއް ބާރަކީ އަދުލް އިންސާފު ގާއިމް ކުރުމުގެ ދާއިރާއޭ ބުނެވިދާނެ އެވެ. ފަނޑިޔާރުން ހައްޔަރު ކުރުމަށް ގޮވާލުމާއި ކޯޓުތަކާއި ފަނޑިޔާރުންނާ ދެކޮޅަށް މުޒާހަރާ ކުރުން އާންމުވި އެވެ. މި ހުރިހާ ކަމެއްގެ ފަހަތަށް އަންނަނީ ފަނޑިޔާރުންނާއި ކޯޓުތަކާމެދު ރައްޔިތުންނަށް އޮންނަންޖެހޭ އިތުބާރުގެ ވާހަކަ އެވެ. ދެން އެ އިތުބާރު ކުޑަވަމުން ގެއްލެމުންދާ ކަމަށް ބުނާ ވާހަކަ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން އެ ކޮމިޝަނުގެ މިދިޔަ އަހަރުގެ ރިޕޯޓް ނެރުނު އިރު ވަރަށް މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ފާހަގަކޮށްފައިވާ އެއް ނުކުތާއަކީ ވެސް އަދުލް އިންސާފު ގާއިމް ކުރުމުގެ ދާއިރާއާމެދު ރައްޔިތުންގެ މެދުގައި އިތުބާރު ކުޑަވެފައިވާ ވާހަކަ އެވެ. ސިޔާސީ ޕާޓީތަކާއި ދައުލަތުގެ ތިން ބާރާއެކު ގިނަ ބައްދަލުވުންތަކެއް ބޭއްވުމަށްފަހު ނެރެފައިވާ އެ ރިޕޯޓުގައި ފަނޑިޔާރުންނާއި ކޯޓުތަކާމެދު ރައްޔިތުންގެ އިތުބާރު ކުޑަވެފައިވާ ކަމަށް ބުނެފައިވާއިރު އެއީ އެއީ އިންސާނީ ހައްގުތަކުގެ ހާލަތަށް ސީދާކޮށް ނުވަތަ ނުސީދާކޮށް އަސަރު ފޯރަފާނެ ކަމެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
"އަދުލް އިންސާފު ގާއިމް ކުރުމުގެ ދާއިރާއާމެދު ރައްޔިތުން އޮތް އިތުބާރު ކުޑަވެފައިވާކަން ވަނީ ފާހަގަ ކުރެވިފަ. އަޅުގަނޑަށް ގަބޫލު ކުރެވެނީ ބައެއް ސިޔާސީ ފަރާތްތަކުން ކަންތައްތއް ކުރަމުންދާ ގޮތުންނާއި ސީދާ ކޯޓު ތެރެއިން ކަންތައްތަކެއް ކުރަމުންދާ ގޮތުން އިތުބާރު ކުޑަވަމުންދާ ކަމަށް ފާހަގަ ކުރެވޭ،" މަޝްހޫރު އަދި ތަޖުރިބާކާރު ވަކީލު ޝާހީން ހަމީދު ވިދާޅުވި އެވެ.
ޝާހީން ވިދާޅުވީ އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރަކީ ގާނޫނު އަސާސީ ނަގަހައްޓައި ގާނޫނު އަސާސީ ބާރުވެރި ކުރަންޖެހޭ ފަރާތް ކަމަށެވެ. އެހެންކަމުން އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރުގެ އިތުބާރު ހިފެހެއްޓުމުގެ އިތުރުން ގާނޫނު އަސާސީއަށް ރައްޔިތުން ކުރާ އިތުބާރު ހިފެހެއްޓޭނީ ވެސް ކޯޓުތަކާއި ފަނޑިޔާރުންގެ މައްޗަށް ރައްޔިތުންނަށް އޮތް އިތުބާރު ހިފެހެއްޓިގެން ކަމަށް ޝާހީން ދެކިވަޑައިގަންނަވަ އެވެ.
"އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިގެން ދިޔުމަކީ ވަރަށް ބޮޑު މައްސަލައެއް. އެއީ ރޫލް އޮފް ލޯ ނުވަތަ ގާނޫނުގެ ވެރިކަން ގެއްލިގެން ހިނގައިދާނެ ކަމެއް،" ވަކާލާތު ކުރެއްވުމުގައި 20 ވުރެ ގިނަ އަހަރުވެފައިވާ ވަކީލު ވިދާޅުވި އެވެ.
އަދުލް އިންސާފް ގާއިމް ކުރުމުގެ ބާރުގެ އިތުބާރު ކުޑަވެފައިވާ ކަމަށް ނުވަތަ ކުޑަވަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނާއި ޝާހީން ވިދާޅުވި ނަމަވެސް ހުރިހާ ފަރާތްތަކަކުން އެކަން ގަބޫލެއް ނުކުރެ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ އަދުލް އިންސާފް ގާއިމް ކުރުމުގެ ދާއިރާއަށް އިނގިލި ދިއްކުރެވެނީ ކުށް ހީއެއްގައި ތިބެގެން ކަމަށެވެ.
އިސް ގާޒީ ވިދާޅުވީ އަދުލް އިންސާފު ގާއިމް ކުރުމުގެ ދާއިރާއަށް ރައްޔިތުން އިނގިލި ދިއްކުރަނީ ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުނުވެ، ބަންދު ކުރުމަށް ހުކުމް ކުރާ މީހުން ވެސް މިނިވަންކަމާއެކު މަގުމަތީގައި އުޅޭ ތަން ފެންނާތީ ކަމަށެވެ.
"ކޯޓުން މީހަކު ޖަލަށްލާން ހުކުމް ކުރުމުން އަނެއް ދުވަހު އޭނާ މަގުމަތިން ފެނުމުން ރައްޔިތުންނަށް އެމީހުން ބޭނުންވާ މަގްސަދެއް ހާސިލެއް ނުވޭ. އަދުލް އިންސާފު އެންމެ ފުރިހަމައަށް ތަންފީޒުވަމުންދާ ތަނެއް ނުފެނޭ. އެހެންވީމަ ކުށް ހީއެއްގެ ތެރޭގައި ކޯޓުތަކާމެދު އިތުބާރު ކުޑަވަނީ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" އިސް ގާޒީ ވިދާޅުވި އެވެ.
އަބްދުﷲ މުހައްމަދު ވިދާޅުވީ ކޯޓުގެ މަސްއޫލިއްޔަތަކީ ކުށްވެރިވާ ފަރާތްތަކަށް ހުކުމް ކުރުން ކަމަށެވެ. އެކަމަކު އެ ހުކުމެއް ތަންފީޒު ކުރުމަކީ ކޯޓުތަކުގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި އެއީ ތަންފީޒީ ބާރުގެ ވާޖިބެއް ކަމަށް އިސް ގާޒީ ވިދާޅުވި އެވެ. އަދި ރައްޔިތުންނާއި ދައުލަތުގެ އެކި އިދާރާތަކަށް ވެސް މިކަން އޮންނަނީ އޮޅިފައި ކަމަށް އިސް ގާޒީ ގަބޫލު ކުރައްވަ އެވެ.
"ކޯޓުން މީހަކު މަރަށް ހުކުމް ކުރީމަ މަރަށް މަރު ހިފުމަކީ ކޯޓުގެ ކަމެއް ނޫން. މީހަކު ޖަލަށްލާން ހުކުމް ކުރީމަ އޭނާ ބަންދު ކުރުމަކީ ކޯޓުގެ ކަމެއް ނޫން. އެއީ ތަންފީޒީ ބާރުގެ މަސްއޫލިއްޔަތެއް. އަސްލު މައްސަލައަކީ ހުކުމް ތަންފީޒު ނުކުރުން،" އަބްދުﷲ ގާޒީ ވިދާޅުވި އެވެ.
ގަބޫލު ކުރެވެނީ ކޮން ބައެއްގެ ވާހަކަތަކެއް ކަމެއް ނޭންގެ އެވެ. އެކަމަކު ފެނުނު މަންޒަރެއްގެ ވާހަކަ ބުނެދީފާނަމެވެ؛ މީގެ ދުވަސްކޮޅެއް ކުރިން ގާތްގަނޑަކަށް ރޭގަނޑު 11:00 ޖަހާކަންހާއިރު މާލޭގެ ބޮޑު ކެފޭއެއްގައި ކޮފީ ބޯން އިންދާ ގާޒީއަކާ ދިމާވި އެވެ. އޭނާ ވަޑައިގެން ހުންނެވީ ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓެއް އަދި މަޖިލީހުގެ މެންބަރަކާއެކު އެވެ. ގާޒީ ހުންނެވި މޭޒާ ޖެހިން ހުރި މޭޒުގައި އޭރު ޒުވާނުންތަކެއް މަސްތުވާ އެއްޗެހި ބޭނުން ކުރަމުންދިޔަ އެވެ. މާލެއަށް ހޭނިފައި ހުރި މީހަކަށްވެއްޖެ ނަމަ އެ ވަހެއް ނޯޅޭނެ އެވެ. އެ ޒުވާނުންތަކާ ޖެހިގެން ހުރި މޭޒުގައި ފުލުހުން ވެސް ތިއްބެވެ. މިއީ ބަލައިގަންނަން ދަތި ކަމެއް ނަމަވެސް އިތުބާރު އެ ގާޒީއަކަށް ނުގެއްލެ އެވެ. އެކަމަކު ހުރިހާ ރައްޔިތުން އެހެންވާނެބާވަ އެވެ؟