15 Mar 2011, 00:26
ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮއްވާ މީގެ ދެ ހަފުތާ ކުރިން ފިލި ގައިދީ، އަކީ މީގެ 25 އަހަރު ކުރިން ފެށިގެން ތަފާތު އެކި ކުށްތަކުގައި ޖަލު ހުކުމްތައް ތަންފީޒުކުރަމުންދާ ގައިދީއެއް ކަމަށް ޑީޕީއާރްއެސް އިން ބުނެފި އެވެ.
ކަކުލު ހުޅުގެ އޮޕަރޭޝަނެއް ކުރަން އެޑްމިޓްކޮށްފައި އޮއްވާ، ހަވާލުވެގެން ތިބި މީހުންނަށް ބަޔަކުލައްވާ ބިރު ދެއްކުމަށް ފަހު ފިލައިގެން ދިޔައީ ސ. ހިތަދޫ، ތުރަޝް މުހައްމަދު އިބްރާހިމް ދީދީ (ކިޔަވާ) އެވެ.
ޑީޕީއާރުއެސްގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަޝީދު ވިދާޅުވީ ޖަލު ހުކުމް ތަންފީޒުކުރަމުން ދިޔަ ކިޔަވާ ފިލިއިރު އޭނާގެ ކަކުލު ހުޅު އޮޕަރޭޝަން ކުރަން އަދި މަހެއްހާ ދުވަސް އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ ކިޔަވާ ފިލިއިރު ހޮސްޕިޓަލު ހަރަދުތައް ނުލައި އެ އޮޕަރޭޝަނަށް ތައްޔާރުމަށް 35،000ރ. ގެ ތަކެތި ވެސް އައިޖީއެމްއެޗާ ހަވާލުކޮށްފައިވާ ކަމަށެވެ.
"އޭނާ އޮޕަރޭޝަން ކުރެވެން އޮތީ މަހެއްހާ ދުވަސް ފަހުން. ހޮސްޕިޓަލަށް ވެސް 35000ރ. ގެ ތަކެތި ހަވާލުކޮށްފައި ވަނިކޮށް އޭނާގެ ރައްޓެހިން ގެނެސް އެމީހުން ލައްވާ ބިރު ދެއްކުމަށްފަހު ފިލީ،" ރަޝީދު ވިދާޅުވި އެވެ.
ނަވާރަސަތޭކަ އައްޑިހަ ހަވަނަ އަހަރުން ފެށިގެން ތަފާތު ބޮޑެތި ކުށްތަކުގައި ޖަލު ހުކުމްތައް ތަންފީޒު ކުރަމުންދާ ކިޔަވާ މީގެ ކުރިން ވެސް ފަރުވާއަށް ގެނެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނިކޮށް ފިލާފައި ވެ އެވެ. މީގެ އިތުރުން މީނާއަކީ 2006 ވަނަ އަހަރު ޖެނުއަރީ މަހު އައްޑު އަތޮޅު ހިތަދޫގައި ޑީއާރްޕީއާ އެމްޑީޕީއާ ދެމު ހިނގި ހަމަނުޖުމެއްގެ ތެރޭގައި 80 ކިލޯމީޓަރުގެ ބާރު މިނުގައި ބަހެއް ދުއްވައިފައި ގޮސް ފުލުހެއްގެ ގައިގައި ޖެއްސުމަށް ފަހު ފިލައިގެން އުޅެނިކޮށް އެޕްރީލް 19، 2006 ގައި ހައްޔަރުކުރި މީހެކެވެ.
ހަމަ އެ މައްސަލައިގައި ގޭ ބަންދުކޮށްފައި ހުއްޓާ ސެޕްޓެމްބަރު 13 ، 2006 ގައި ވެސް އޭނާ ފިލި އެވެ. އެފަހަރު ހައްޔަރު ކުރީ ގދ. ފަރެސް މާތޮޑާގައި އުޅެނިކޮށެވެ.
ކިޔަވާ ފިލާފައިވާއިރު ސަރުކާރުގެ މައި ޖަލުން ބޭސް ފަރުވާއަށް ގައިދީން މާލެ ގެންނައިރު އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ އާންމުން ގޮސް އުޅޭ ހޮސްޕިޓަލަކަށް ގައިދީން ގެންދަން ޖެހުން ކަމަށް ޑީޕީއާރުއެސް ވަނީ ބުނެފަ އެވެ.