27 Aug 2015, 20:35
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ، މާދަމާރޭ ފުލުސް އޮފީހަށް ހާޒިރުކުރުމަށް ޗިޓް ފޮނުވައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަންއަށް ވިދާޅުވީ، ލައިލާ އަލީ ފުލުސް އޮފީހަށް ހާޒިރުކުރަނީ، އެކަމަނާގެ ފިރިކަލުން މުހައްމަދު ނަޝީދު އެއްކޮށް ގޭ ބަންދަށް ބަދަލު ކުރި ކަމަށް ބުނެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދޫކުރި ކަމަށް ބުނާ ލިޔުމެއްގެ މައްސަލަ ބަލައިދިނުމަށް ކަރެކްޝަނަލް ސާވިސްއިން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
މިއަދު ހަވީރު މޯލްޑިވްސް ޕޮލިސް ސާވިސް އިން ލައިލާއަށް ފޮނުވި ޗިޓްގައި ވަނީ، އެ އިދާރާއަށް "ހުށަހަޅާފައިވާ މައްސަލައެއްގައި މައުލޫމާތު ސާފުކުރުމަށް" 28 އޯގަސްޓް 2015 ވާ ހުކުރު ދުވަހުގެ ރޭ 20:30 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
ޓެރަރިޒަމްގެ ކުށުގައި 13 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ނަޝީދު އެއްކޮށް ގޭބަންދަށް ބަދަލުކުރިކަމަށް ބުނެ ކަރެކްޝަނަލް ސާވިސް އިން ދޫކުރިކަމަށް ބުނާ ލިޔުމެއްގެ އަސްލު ހޯދަން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ މ. ޔާގޫތުގެއަށް ވަދެފައެވެ.
ފުލުހުން ރޭ ވަނީ، ޔާގޫތުގޭގައި ބޭނުންކުރާ ސީސީޓީވީގެ ޑޭޓާ ރައްކާ ކުރާ ހާޑްޑިސްކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް ޗީފް ސުޕްރިންޓެންޑް ހަމްދޫން ރަޝީދު ވިދާޅުވީ، ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ފުލުހުންނާ ހަވާލު ކުރި ލިޔުމަކީ އެމަނިކުފާނަށް، ޓައި އަޅައިގެން ހުރި މީހާ ހަވާލުކުރި ކަމަށް ބުނާ ލިޔުމުގެ ކޮޕީއެއް ކަމަށެވެ. އޭގެ އަސްލު ހޯދަން އެދުމުން އެ ލިޔުމުގެ ހަގީގަތް ހޯދަން ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ރައީސް ނަޝީދުގެ އާއިލާއިން ބުނެފައިވާ ކަމަށްވެސް ހަމްދޫން ވިދާޅުވިއެވެ.