އެޓާނީ ޖެނެރަލް އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ނެރުނު "ލީގަލް އެންޑް ޖަސްޓިސް ސެކްޓަރ ބޭސްލައިން ސްޓަޑީ2014" ރިޕޯޓުގައި ކަންބޮޑުވާންޖެހޭ އުނި ކަންތައްތަކެއް ހުރި ކަމަށް ބުނެ ޖުޑީޝަރީން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިސްޓްރޭޝަން (ޑީޖޭއޭ)ގެ ޑެޕިއުޓީ ލީގަލް އޮފިސަރު އަހްމަދު މާޖިދު ވިދާޅުވީ އެ ރިޕޯޓު ނެރެފައި ވަނީ ޝަރުއީ ދާއިރާގެ އެއްވެސް ބަހެއް ހޯދުމެއް ނެތި ކަމަށެވެ.

މާޖިދު ވިދަޅުވީ ޝަރުއީ ދާއިރާއަށް ބޭނުންވާ ބައެއް މުހިންމު ގާނޫނުތަކެއް ނެތްއިރު، އެ ގާނޫނުތައް ފާސްކުރެވެންދެން ކޯޓުތަކުން ވަގުތީގޮތުން އިޖުރާއަތުގެ އުސޫލުތަކާ ހަމަތަކެއް ހަދަންޖެހޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި އެގޮތަށް ބުނެފައިވާއިރު އެފަދަ އުސޫލުތަކެއް ކޯޓުތަކުގައި މިހާރުވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެވިދާޅުވާ އިޖުރާއަތުގެ އުސޫލުތަކާ ހަމަތައް މިހާރުވެސް ކޯޓުތަކުގައި އެބަހުރި. އަދި މިހާރު ކޯޓުތަކުން އަމަލުކުރަމުން ގެންދަނީ އެ އުސޫލުތަކާ ހަމަތަކާ އެއްގޮތަށް. އިޖުރާއަތުގެ ގާނޫނުތައް އެކުލަވައިލުމަކީ އޭޖީ އޮފީހުން އިސްނަންގަވައިގެން ކުރައްވާނެ މަސައްކަތެއް،" މާޖިދު ވިދާޅުވިއެވެ.

ޝަރީއަތަށް ނުގޮސް މައްސަލަ ހައްލުކޮށްދޭ ނިޒާމެއް ގާއިމް ކުރުމަށް އެ ރިޕޯޓުގައި ޝަރުއީ ދާއިރާއަށް ވަނީ ރެކަމަންޑޭޝަން ދެއްވާފައެވެ.

މާޖިދު ވިދާޅުވީ، އެގޮތަށް ރެކަމެންޑް ކުރިއިރު އެފަދަ ނިޒާމެއް ގާއިމްކޮށް ފެމެލީ ކޯޓާއި ސިވިލް ކޯޓުން އަންނަނީ އަމަލު ކުރަމުން ކަމަށެވެ.

ޝަރުއީ މަރުހަލާތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވަން ޖެހޭ ކަމަށާއި އެހެންކަމުން ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ފަށަން ރެކަމަންޑު ކޮށްފައިވާއިރު ދައުލަތުގެ މީޑިއާ މެދުވެރިކޮށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ޖުޑީޝަރީން އަންނަނީ ކުރިއަށްގެންދަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ޝަރީއަތް ކުރުމުގެ ޚަރަދު ބޮޑުކަމަށް ވެސް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ނެރެދެއްވި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެކަމާ ގުޅޭގޮތުން މާޖިދު ވިދާޅުވީ، ރާއްޖޭގައި ޝަރީއަތްކުރަންދާ ޚަރަދުތަކަށް ބަލާއިރު ބޭރުގެ ކުރިއަރާފައިވާ ގައުމުތަކަށްވުރެ ރާއްޖެއަކީ ނިސްބަތުން ވެސް އެންމެ ޚަރަދު ކުޑަކޮށް ޝަރީއަތްކޮށްދޭ ގައުމު ކަމުގައިވުން އެކަށީގެންވާ ކަމަށެވެ.

"ދިވެހިރާއްޖޭގައި ޝަރީއަތް ކުރުމުގެ ޚަރަދު ބޮޑުކަމަށް ފާހަގަ ކުރައްވާފައިވާއިރު މިހާރު ރާއްޖޭގައި ކޯޓު ކޭހަކަށް ދައުލަތުން 16000 ވަރަކަށް ރުފިޔާ ޚަރަދު ކުރޭ. މިއީ ޚަސްމުން އެމީހުންގެ އާދައިގެ ދިރިއުޅުމުގެ ކަންކަމުގައި ބައިތިއްބައިގެން، އެމީހުންގެ ދިރިއުޅުމަށް ބުރޫ ނާރާގޮތަށް ޝަރީއަތުގެ ކަންކަން ކުރިއަށް ގެންދިއުމަށް ދައުލަތުން ޝަރީއަތަކަށް ކުރާ ޚަރަދު،" މާޖިދު ވިދާޅުވިއެވެ.

"އެކަމަކު އާންމުކޮށް ޝަރީއަތް ހިންގާ ދަށު ކޯޓުތަކުން ޝަރީއަތެއް ހިންގުމަށްޓަކައި ރައްޔިތަކު ޚަރަދު ކުރާންޖެހޭނީ 25 ރުފިޔާ އާއި ރެވެނިއު ސްޓޭމްޕަކަށް ކުރާންޖެހޭ ޚަރަދު. ހައިކޯޓަށް އިސްތިއުނާފު ކުރުމަށްޓަކައި ދައްކާންޖެހެނީ 300 ރުފިޔާ."

ރައްޔިތުންގެ އަތުން ޝަރީއަތުގެ މަރުހަލާގައި ދާ ޚަރަދު ބޮޑުވެގެންދަނީ ގާނޫނީ ވަކީލުންނަށް ދައްކާ ފީގެ ސަބަބުން ކަމަށް ވެސް މާޖިދު ވިދާޅުވިއެވެ.